ޚަބަރު

ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

28 ފެބްރުއަރީ 2018

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫޢުގެ ފަރާތުން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ތ. އަތޮޅު ތިމަރަފުށީގައި ބާއްވައިފިއެވެ. 28 ފެބްރުއަރީ 2018 ގައި ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި އެ މަދަރުސާގެ ގްރޭޑް 10،9،8 އަދި 11 ގައި ތަޢުލީމް ހާސިލުކުރަމުންދާ 49 ދަރިވަރުން ބައިވެރިވިއެވެ.

ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހިންގި މަސައްކަތު ބައްދަލުވުންތައް އިފްތިތާޙް ކޮށްދެއްވީ އެ މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލް މުސާ މުސްތާޤެވެ.

މި މަސައްކަތު ބައްދަލުވުންތަކުގައި ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. ދަރިވަރުންނަށް ޙިއްސާކުރެވުނު މަޢުލޫމާތު ތެރޭގައި ކަރަންޓު އާލާތްތަކުގައި ހުންނަ ކަރަންޓް ނޭމްޕްލޭޓްގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތާއި ކަރަންޓް ބިލުގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ މި މިނިސްޓްރީގެ އެލް.ސީ.އީ.އައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓާއި، އެނަރޖީ ޑިޕަރޓްމަންޓާއި އެންވަޔަރަންމަންޓް ޑިޕަރޓްމަންޓާއި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ފަންނީ ބޭފުޅުންނެވެ.

މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓިފިކެޓް ބައްސަވައިދެއްވީ ތ. ތިމަރަފުށީ ކައުންސިލް މެމްބަރު އަލްފާޟިލް ޢާލިމް އަބްދުލް ވައްޙާބެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.