ޚަބަރު

މ. މުލަކުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

10 ޖުލައި 2018

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މ. މުލަކުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މ. މުލަކުގެ ނަރުދަމާ ނިޒާމު ޤާއިމުކުމަށްޓަކައި ކޮންޓްރެކްޓް ކުރެވިފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއަށެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 43,941,179.77 ދިވެހި ރުފިޔާއެވެ. ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 18 ޖެނުއަރީ 2017 ގައެވެ. އަދި މ. މުލަކުގައި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމާފައިވަނީ 02 ފެބްރުއަރީ 2018 ގައެވެ.

މި މަޝްރޫޢުއަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދެވިފައިވާ މަޝްރޫޢެއްކަމުން، މި މަޝްރޫއު އެމް.ޑަބްލިއު.އެސް.ސީއާއި ހަވާލުކުރުމާއި އެކު އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީ.އައި.އޭ މަސައްކަތްތައް ކުރިއަށް ގެންދެވުނެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގައި 4 ޕަމްޕް ސްޓޭޝަން ބަހައްޓައި 10.44 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި އެ ރަށުގެ 374 ގެއަށް ވަނީ މި ޚިދުމަތް ދެވިފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 41 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. މިގޮތުން މި ނިޒާމުގެ ޚިދުމަތް 2 ޖުލައި 2018 އިން ފެށިގެން ފެނަކަ ކޯޕަރޭޝަނުން ދަނީ އެ ރަށުގައި ފޯރުކޮށްދެމުންނެވެ.