ޚަބަރު

ހއ. ދިއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

18 ޖުލައި 2018

ހއ. ދިއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން މިއަދު ފާހަގަކޮށްފިއެވެ. މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށްޓަކައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. ހއ. ދިއްދޫއަކީ ވެސް ޒަމާނުންސުރެ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފަވާ ރަށެކެވެ. އާއްމު ރައްޔިތުންގެ ރައްކާތެރިކަމާ، ރަށުގެ ތިމާވެއްޓަށް މީގެ ސަބަބުން ލިބޭ ގެއްލުން ފާހަގަކޮށް، މިކަމަށް ފުރިހަމަ ހައްލެއް ހޯދުމަށް މިސަރުކާރުގެ ފަރާތުންވަނީ އިސްކަން ދީފައެވެ. އަދި 2016 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައި، ދިއްދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުވަނީ ފަށާފައެވެ.

މި މަޝްރޫޢުއަށް ޖުމްލަ 16,981,390.80 ދިވެހި ރުފިޔާ (ސޯޅަ ހާސް،ނުވަ ސަތޭކަ އަށްޑިހަ އެއް ރުފިޔާ، ތިންސަތޭކަ ނުވަދިހަ ރުފިޔާ އަށްޑިހަ ލާރި) ވަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ 12 މެއި 2016 ގައެވެ. އަދި 29 ޖޫން 2017 ގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން، ދިއްދޫގެ ގިރާ ސަރަޙައްދަށް ,30011 ކޮޑިމީޓަރަށް ވެލިއަޅައި، ރަށުގެ 450 މީޓަރުގެ ގިރާ ސަރަޙައްދު ވަނީ ބޮޑު ހިލަ ޖަހައިގެން ހިމާޔަތްކޮށްފައެވެ.

ދިއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންކޮށްފަވާ ނިޒާމަކީ ރާއްޖޭގެ ޙާލަތަށް ބަލާ، ދިރާސާކޮށް، އެންމެ އެކަށޭނޭ ނިޒާމެވެ. މި މަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް މުސްތަޤުބަލުގައި ރަށުގެ ތަރައްޤީއަށް ނުހަނު ފައިދާ ކުރާނެއެވެ. މި މަޝްރޫޢުއަކީ މޫސުމަށް އަންނަ ބަދަލުތަކުން މިރަށާއި މިރަށުގެ ރައްޔިތުން ރައްކާތެރިކުރުމަށް އެޅޭ ނުހަނު މުހިއްމު ފިޔަވަޅެކެވެ.