ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

12 ނޮވެމްބަރ 2018

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން 2018 އަށްވަނަ އަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރީ އެކަމަށްޓަކައި މިނިސްޓްރީ އޮފް އެނަވަޔަރަންމަންޓް ގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި މުބާރާތުން ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމް ޙަވާލްކޮށްދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟީލް ޢަބްދުﷲ މަޖީދާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް އަޙުމަދު ޝަފީޢު އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ އައިޝަތު ސާދުގެ އިތުރުން ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން) ގެ ރެޒިޑެންޓް ކޯޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީ ގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސް ޝޯކޯ ނޯޑާ އެވެ.

މި ޙަފްލާގައި، ޔޫ.އެން.ޑީ.ޕީ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގުޅިގެން ތައްޔާރުކުރި “އެސް.ޑީ.ޖީސް ކޮމިއުނިކޭޝަން ސްޓްރެޓަޖީ ލޯންޗުކޮށްދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟީލް ޢަބްދުﷲ މަޖީދެވެ.

“ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުން، އަހަރެންގެވެސް ޒިންމާއެއް!!” މި މަޢުޟޫޢަށް ޚާއްސަ ކޮށްގެން ބޭއްވި ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ މަޤުސަދުތަކަކީ އ.ދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ބެހޭގޮތުން ދަރިވަރުން ހޭލުންތެރި ކުރުވުމާއި، މި ލަނޑުދަނޑިތަކުގެ މުހިއްމުކަން ކުދިންނަށް އަންގައިދިނުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ކުދިންގެ އާންމު ދިރިއުޅުމާއި ގުޅޭ މިންވަރު ދެނެގަތުމާއި، މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ސްކޫލް ކުދިންނަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމާއި އަދި މި ލަނޑުދަނޑިތަކާ ގުޅޭ ޝުޢޫރުތައް ފަންނުވެރި ގޮތަކަށް ފާޅުކުރުމަށް ކުދިންނަށް ފުރުސަތު ދިނުމެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ރާއްޖޭގެ 43 ސްކޫލަކުން 500 އަށްވުރެ ގިނަ ޕޯސްޓަރ ހުށަހަޅާފައިވެއެވެ. މި މުބާރާތް ބާއްވާފައިވަނީ 4 ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ، ގްރޭޑް 1-3، ގްރޭޑް 4-6، ގްރޭޑް 7-9، އަދި ގްރޭޑް 10-12 އެވެ. ކޮންމެ ކެޓަގަރީ އަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާފައިވެއެވެ.

ގްރޭޑް 1-3 ކެޓަގަރީ އިން 1 ވަނައަށް ހޮވިފައިވަނީ މަރަދޫ ސްކޫލުގެ ދަރިވަރު އާމިނަތު އަފްޝީން އާރިފް އެވެ. މި ކެޓަގަރީއިން 2 ވަނަ އަށް ހޮވިފައިވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު އައިޒާ އަޙްމަދު ލިޒާން އެވެ. އަދި މި ކެޓަގަރީއިން 3 ވަނައަށް ހޮވިފައިވަނީ ކަލާފާނު ސްކޫލުގެ ދަރިވަރު އާދަމް ކައިސަން ޒާހިދެވެ.

ގްރޭޑް 4-6 ކެޓަގަރީ އިން 1 ވަނައަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު ޖައިޝާ އާސިމް އެވެ. މި ކެޓަގަރީއިން 2 ވަނަ އަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު އިޔާލް ހުސައިން ފަޔާޒް އެވެ. އަދި މި ކެޓަގަރީއިން 3 ވަނައަށް ހޮވިފައިވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު މަރިޔަމް ޝާރަތް ޝަރީފެވެ.

ގްރޭޑް 7-9 ކެޓަގަރީ އިން 1 ވަނައަށް ހޮވިފައިވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރު މަރިޔަމް ޝައިހާ އަޙްމަދު އެވެ. މި ކެޓަގަރީއިން 2 ވަނަ އަށް ހޮވިފައިވަނީ އ.ދ ދިގުރަށު ސްކޫލުގެ ދަރިވަރު ހައްވާ އަނޫޝާ އެވެ. އަދި މި ކެޓަގަރީއިން 3 ވަނައަށް ހޮވިފައިވަނީ ޣާޒީ ސްކޫލުގެ ދަރިވަރު މުޙައްމަދު އަބްޔަން މަހުދީ އެވެ.

ގްރޭޑް 10-12 ކެޓަގަރީ އިން 1 ވަނައަށް ހޮވިފައިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ޢާއިޝަތު ޞަބާ އެވެ. މި ކެޓަގަރީއިން 2 ވަނަ އަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލުގެ ދަރިވަރު ނާއިޙް މުޙައްމަދު ސާލިޙް އެވެ. އަދި މި ކެޓަގަރީއިން 3 ވަނައަށް ހޮވިފައިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އާމިނަތު އައިޝް ޙުސައިނެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ޕޯސްޓަރަކަށް ހޮވިފައިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ޢާއިޝަތު ޞަބާ ހުށަހެޅި ޕޯސްޓަރެވެ. މުޅި މުބާރާތުން 2 ވަނައަށް އަމީނިއްޔާ ސްކޫލުގެ ދަރިވަރު މަރިޔަމް ޝައިހާ އަޙްމަދު ހުށަހެޅި ޕޯސްޓަރު ހޮވިފައިވާއިރު، މުޅި މުބަރާތުން 3 ވަނައަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު ޖައިޝާ އާސިމް ހުށަހެޅި ޕޯސްޓަރެވެ.

“އެސް.ޑީ.ޖީސް ކޮމިއުނިކޭޝަން ސްޓްރެޓަޖީ އެންޑް އެކްޝަން ޕްލޭން 2019-2023” އެއް އެކުލަވާލުމުގެ މައިގަނޑު މަޤުސަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑިދަނޑިތަކާއި ގުޅޭގޮތުން އާންމުންނާއި، ސިޔާސަތުތައް އެކަށައަޅާ ފަރާތްތަކާއި، މީޑިއާ އަދި ޕްރައިވެޓް ސެކްޓަރ އާއި ޖަމުޢިއްޔާ ޖަމާޢަތްތައް އަދި ތަރއްޤީގެ އެހެނިހެން ބައިވެރިން ހޭލުންތެރި ކުރުވުމާއި، 2030 އަންނަންވާއިރަށް މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަމާއިގުޅޭ ދާއިރާތަކުގެ މެދުގައި ގުޅުންބަދަހިކޮށް، މި ލަނޑުދަނޑިތައް ހާސިލުކުރެވެމުންދާ މިންވަރު މިންކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

“އެސް.ޑީ.ޖީސް ކޮމިއުނިކޭޝަން ސްޓްރެޓަޖީ އެންޑް އެކްޝަން ޕްލޭން 2019-2023” މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.