ޚަބަރު

މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން އެޗް.އެފް.ސީ މަދުކުރުމަށް ކިގާލީ އެމެންޑްމަންޓަށް ދުނިޔޭގެ ފެންވަރުގައި އެއްބަސްވެއްޖެ

15 އޮކްޓޯބަރ 2016

ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވުނު މޮންޓްރިއަލް ޕްރޮޓޮކޯލްގެ 28 ވަނަ މީޓިންސް އޮފް ދަ ޕާރޓީސްގައި އެ މުއާހަދާގެ ތެރެއިން ހައިޑްރޯ ފުލޮރޯ ކާބަންސް (އެޗް.އެފް.ސީ) މަދުކުރުމަށް ފާސްކޮށްފިއެވެ. ‘ކިގާލީ އެމެންޑްމެންޑް’ގެ ދަށުން އެޗް.އެފް.ސީ މަދުކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ 197 ޤައުމުންވަނީ އެއްބަސްވެފައެވެ. މިގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން 2019 ވަނަ އަހަރުން ފެށިގެން އެމާއްދާތައް މަދުކުރުމަށް މަސައްކަތް ފަށަންޖެހެއެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުން 2024 އަދި 2028 ގައި އެޗް.އެފް.ސީ ބޭނުންކުރުން ކޮންޓްރޯލްކޮށް މަދުކުރަން ފަށަންވަނީ އެއްބަސްވެފައިއެވެ. މިއަދު ފާސްކުރި އެއްބަސްވުމުގެ ސަބަބުން ދުނިޔެ ހޫނުވުން 2 ޑިގުރީ ސެލްސިއަސްގެ ތެރޭގައި ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެއެވެ.

މިބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވި ވަފުދުގެ އިސްވެރިއަކަށް ވަޑައިގެންނެވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑރ. ޢަބްދުﷲ ނަސީރެވެ. މިބައްދަލުވުމުގެ ހައި-ލެވެލް ސެގްމަންޓްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމަކަށް މިފަދަ އެއްބަސްވުމެއްގެ މުހިއްމުކަމަށް ޑރ. ނަސީރު އަލި އަޅުވާލިއެވެ. އަދި މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ފިނިކުރާ ނިޒާމްތަކުގައި ތިމާވެއްޓާއި ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ކުޑަ މާއްދާތައް ބޭނުންކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، މޮންޓްރިއަލް ޕްރޮޓޮކޯލްގެ ތެރެއިން ރާއްޖެފަދަ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ.

އެޗް.އެފް.ސީ އަކީ ޖައްވު ހޫނުވުމަށް ބާރުއަޅާ، އޭގެ ސަބަބުން މޫސުމަށް ބަދަލުގެނުވާ މާއްދާއެކެވެ. އަދި މި މާއްދާ މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ފިނިކުރާ ނިޒާމް ތަކުގައެވެ. ދިރާސާތަކުން ދައްކާގޮތުގައި އެޗް.އެފް.ސީ އެދެވޭ ގޮތެއްގައި ކޮންޓްރޯލްކޮށް މަދުކޮށްގެން 0.5 ޑިގުރީ ސެލްސިއަސްއާއި ބަރާބަރު އަދަދަކަށް ދުނިޔެ ހޫނުވުން އިތުރުވިޔަ ނުދީ ހިފެހެއްޓޭނެއެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލްއަކީ ދުނިޔޭގެ އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް 1987 ވަނަ އަހަރު އެކުލަވާލި ބައިނަލްއަޤުވާމީ މުއާހަދާއެވެ. މިމުއާހަދާގެ ދަށުން 2008 ވަނަ އަހަރު ރާއްޖެއިންވަނީ ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލާފައެވެ. މިއީ ރާއްޖެއިން މިމާއްދާ ހުއްޓާލަންޖެހޭ މުއްދަތުގެ ދެއަހަރު ކުރިން ހާސިލްކޮށްފައިވާ ކާމިޔާބީއެކެވެ. ރާއްޖެއިން މިހާރު ދަނީ އެޗް.ސީ.އެފް.ސީ 2020 ގައި ހުއްޓާލުމަށް މަސައްކަތްކުރަމުންނެވެ.