ޢާއްމު އިޢުލާނު

ފުވައްމުލަކާއި އައްޑޫ އަކީ ‘ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް’ އެއް ކަމުގައި ކަނޑައެޅުން

28 އޮކްޓޯބަރ 2020 (IUL)438-ENV/438/2020/197

ފުވައްމުލަކާއި އައްޑޫ އަކީ އެއްގަމާއި ކަނޑުގެ ދިރުން ތަކުން މުއްސަނދިކަން ލިބިފައިވާ ޚާއްޞަ ދެ އަތޮޅެވެ. އަދި ޒަމާނުންސުރެ ފުޅާ ދާއިރާއެއްގައި، ދިރޭތަކެތީގެ ނަސްލުތަކާއި އިންސާނުންގެ ހަރަކާތްތަކާ ގުޅިލާމެހިފައިވާ ރައްޔިތަކު ދިރިއުޅެމުންދާ ދެ އަތޮޅެވެ.

‘ކޮންމެ އަތޮޅެއްގައި ބައިނަލްއަޤްވާމި މިންގަނޑުތަކަށް ފެތޭގޮތަށް ޙިމާޔަތްކުރުމުގެ ޕްރޮގްރާމެއްގެ ދަށުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ’ ޙިމާޔަތްކުރުމަކީ، ދިވެހި ސަރުކާރުގެ މެނިފެސްޓޯ ވަޢުދެކެވެ. މިއަމާޒަށް ވާސިލުވުމުގެ ގޮތުން ފުވައްމުލަކާއި އައްޑޫ އަކީ ‘ޔުނެސްކޯ މޭން އެންޑް ބަޔޮސްފިއަރ ރިޒާވް ޕްރޮގްރާމް’ ގެ ދަށުން ‘ބަޔޮސްފިއަރ ރިޒާވްސް’ ގެ ދަރަޖަ ލިބިފައިވާ ސަރަހައްދަތަކަކަށް ހެދުމަށް، ދިވެހި ސަރުކާރުގެ ފަރާތުން 30 ސެޕްޓެންބަރު 2019 ވަނަ ދުވަހު ޔުނެސްކޯ އަށް ހުށައެޅިއެވެ. އަދި މިހުށަހެޅުމާ ގުޅިގެން ޔުނެސްކޯގެ ‘އިންޓަނޭޝަނަލް ކޯޑިނޭޓިންގ ކައުންސިލް އޮފް މޭން އެންޑް ބަޔޮސްފިއަރ ރިޒާވު’ ގެ 32 ވަނަ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ހުށަހެޅުން ފާސްކޮށް، ފުވައްމުލަކު އަދި އައްޑޫ އަތޮޅަކީ ‘ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް’ ގެ ގޮތުގައި މިއަދު (28 އޮކްޓޫބަރު 2020 ގައި) ވަނީ ކަނޑައަޅާފައެވެ.

ޔުނެސްކޯގެ ފަރާތުން ފުވައްމުލަކު އާއި އައްޑޫ އަތޮޅު ‘ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް’ އެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، ފުވައްމުލަކު އަދި އައްޑޫ އަތޮޅަކީ ‘ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް’ އެއްގެ ގޮތުގައި މިއަދުން ފެށިގެން ހަމަޖެހިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާނުކުރަމެވެ. އަދި ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުން މިދެ އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ހުރިހާ ސަރަހައްދުތަކަކީ ގަވައިދު ނަންބަރު: 2018/R-78 (ޤުދްރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) ގެ ގިންތި 1- ‘ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވިފައިވާ ސަރަހައްދުތައް’ ކަމުގައި ކަނޑައަޅާ، އެކަން ޢާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.