ޚަބަރު

ގދ. މަޑަވެލީގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފި

18 އޯގަސްޓް 2016

ގދ. މަޑަވެލީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ މިއަދު ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ އަލްފާޟިލް އިބްރާހީމް ޒިޔަތެވެ.

މި މަޝްރޫޢުގެދަށުން ގދ. މަޑަވެލީގެ ގިރާ ސަރަޙައްދުގައި 454.5 މީޓަރުގެ ބޮޑު ހިލައިގެ ތޮށި ޤާއިމްކުރެވިގެންދާނެ އެވެ. އަދި މިތޮއްޓަކީ ގދ. މަޑަވެލީގެ ބަނދަރުގެ މަޝްރޫޢުގެ ދަށުން ބަނދަރުގެ ދެކުނުފަރާތުގައި ޖަހާ ބްރޭކްވޯޓަރ އާއިއެކު ޖަހަމުން ގެންދާ ބޮޑުހިލައިގެ ތޮއްޓާއި ގުޅޭ ގޮތަށް ހެދިގެންދާނެ ތޮއްޓެކެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 13,547,085.06 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 150 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ ޚަރަދުގައި މިއަހަރުތެރޭގައި ފަށައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ 5 ވަނަ މަޝްރޫއެވެ.

[“media id=”935]