ޚަބަރު

އދ ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުއާހަދާގެ ކޮންފަރަންސް އޮފް ދަ ޕާޓީޒް ޖަލްސާ (ކޮޕް 26) ނިންމާލައިފި

15 ނޮވެމްބަރ 2021

އިނގިރޭސި ވިލާތުގެ ގްލާސްގޯގައި 31 އޮކްޓޯބަރ އިން 13 ނޮވެމްބަރ 2021 ކުރިއަށް ގެންދިޔަ އދ ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުއާހަދާ، ޔޫ.އެން.އެފް.ސީ.ސީ.ސީ. ގެ ކޮންފަރަންސް އޮފް ދަ ޕާޓީޒްގެ 26 ވަނަ ޖަލްސާ، (ކޮޕް26) ނިންމާލައިފިއެވެ. މި ޖަލްސާގައި މި މުޢާހަދާގެ 197 ޤައުމުން ބައިވެރިވެ “ގްލަސްކޯ ކްލައިމެޓް ޕެކްޓް’ އަށް ވަނީ އެއްބަސްވެފައެވެ.

މި ޖަލްސާއަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމަކަށް ވިޔަސް 2019 ވަނަ އަހަރު ގެ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ދެ އަހަރުގެ މެދުކެންޑުމަކަށް ފަހު ބޭއްވި ބައްދަލުވުމެކެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ އިނގިރޭސިވިލާތުންނެވެ. މި ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ 2015 ވަނަ އަހަރު ފާސްކުރެވުނު މޫސުމަށް އަންނަ ބަދަލުތަކާބެހޭ ޕެރިސް އެގްރިމެންޓަށް ޢަމަލުކުރުމަށް ތަފްސީލްކުރަންޖެހޭ އުސޫލުތައް، ނުވަތަ ‘ޕެރިސް ރޫލް ބުކް’ ގެ ފުރިހަމަ ނުކުރެވި ހުރި ބައިތަކަށް އެއްބަސްވުމަށާއި އަދި މި މުއާހަދާ އާއި އޭގެ ދަށުން ހެދިފައިވާ ޕޮރޮޓޮކޯލް އަދި އެގްރީމަންޓް ތަންފީޒު ކުރަމުން ގެންދާ އިރު ނިންމަންޖެހޭ ނިންމުންތައް ނިންމުމަށެވެ.

ޕެރިސް ރޫލް ބުކް
ކާރބަން މާކެޓް

މި ޖަލްސާ ނިމިގެންދިޔައީ، 2015 ވަނަ އަހަރު ފާސްކުރެވުނު މޫސުމަށް އަންނަ ބަދަލުތަކާބެހޭ ޕެރިސް އެގްރިމެންޓަށް ޢަމަލުކުރުމަށް ތަފްސީލްކުރަންޖެހޭ އުސޫލުތައް، ނުވަތަ ‘ޕެރިސް ރޫލް ބުކް’ ގެ ފުރިހަމަ ނުކުރެވި ހުރި ބައިތަކަށް އެއްބަސްވުމަށް އާދެވި، މި ބައިތައް ފާސްކުރެވިގެންނެވެ. މިގޮތުން، ޖައްވަށް ދޫކުރާ ގްރީންހައުސް ގޭސް މަދުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މަޝްރޫޢުތައް ހިންގުމަށް އެހީދިނުމަށް އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުން ކަނޑައަޅާ ލަނޑުދަނޑިތަކާއި، މި ލަނޑުދަނޑިތައް ހާސިލްވަމުންދާގޮތް ބަޔާންކުރާ ރިޕޯޓް ހުށަހަޅާނެ ގޮތުން އުސޫލުތަކަށް އެއްބަސްވެވުނެވެ. އަދި ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރު މަދުކުރުމަށް ކަނޑައަޅާ ކާބަން ބަޖެޓް ވިޔަފާރީގެ އުސޫލުން ވިއްކާނެ ނިޒާމް އެކުލަވާލައި، މި ނިޒާމްގެ ދަށުން ލިބޭ ފައިސާގެ %5 ތަރައްޤީވަމުން އަންނަ ގައުމުތަކުގައި އެޑެޕްޓޭޝަން މަޝްރޫޢުތައް ހިންގުމަށް އުފައްދާފައިވާ އެޑެޕްޓޭޝަން ފަންޑަށް ޖަމާކުރުމަށް ފާސްކުރެވުނެވެ.

މިޖަލްސާގައި މިނިސްޓަރ އޮފް އެންޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާ ވަނީ އެޑެޕްޓޭޝަންއާ ބެހޭ މަޝްވަރާތަކާމެދު މުއާހަދާގެ ބައިވެރިން އެއްބަސްވުމަކާ ހަމައަށް ގެނައުމަށްޓަކައި، ސްޕެއިންގެ މިނިސްޓަރ ތެރީސާ ރިބޭރާއާއެކު މި މައްސަލަ އިސްވެ ފެސިލިޓޭޓް ކުރައްވާފައެވެ. އަދި ކާމިޔާބުކަމާއެކު ވަނީ، މޫސުމީ ބަދަލުތަކަށް ދުނިޔެ ހޭނުމަށް ކަނޑައަޅާ ލަނޑުދަނޑި (ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން) ކަނޑައަޅާނެ ވާރކް ޕްރޮގްރާމަކަށް އެއްބަސްވެފައެވެ. އަދި މި ވާރކް ޕްރޮގްރާމް އިފްތިތާހްކުރާ މަސައްކަތު ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ކަނޑައަޅާފައެވެ.

ޓްރާންޕޭރަންސީ
ޕެރިސް އެގްރީމަންޓްގެ ދަށުން ހުރިހާ ޤައުމުތަކުން ކޮންމެ ދެ އަހަރުން އެއްފަހަރު ހުށައަޅަން ޖެހޭ ރިޕޯރޓް ‘ބައިއެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓް’ އެކުލަވާލާނެ ގޮތަކާއި މެދު ވަނީ ހުރިހާ ޤައުމުތަކުން އެއްބަސްވެފައެވެ. މި އެއްބަސްވުން ބިނާ ކޮށްފައި ވަނީ ޕެރީސް އެގްރީމެންޓް ދަށުން އެކުލަވާލެވުނު އުސޫލާއި، ޤަވާއިދުތަކުގެ މައްޗަށް ބީނާކޮށެވެ. މިގޮތުން ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތު ކުރީ ރާއްޖެ ފަދަ ވަސީލަތްތަތް މަދު ޤައުމުތަކުން މި ދެންނެވި ރިޕޯރޓް ހުށެއެޅުމުގައި ލުއިތަކެއް ހޯދުމަށެވެ. ރާއްޖެ އަދި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުން ކުރި މަސައްކަތުން ހުރިހާ ޤައުމުތަކުން މިކަމަށް ވަނީ އެއްބަސްވެފައެވެ. އަދި އެހެންމެ، ކްލައިމެޓް ފައިނޭންސިންގ ގެ ދަށުން ލިބޭ އަދި ޚަރަދު ވާމިންވަރު ރިޕޯރޓް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

ކޮމަން ޓައިމް ފްރޭމް
ޕެރިސް އެގްރީމަންޓްގެ ދަށުން ޤައުމުތަކުން ލާޒިމް ކުރާ ނެޝަނަލީ ޑިޓާރމިން ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) ހުރިހާ ޤައުމުތަކުން ކޮންމެ ފަސް އަހަރުގެ ޓާރގެޓްއެއް ހުށައެޅުމަށް ހުރިހާ ޤައުމުތަކުން އެއްބަސް ވިއެވެ.

ލޮސް އެންޑް ޑެމޭޖް
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ކުދި ޖަޒީރާ ގައުމުތަކުން ވަކާލާތު ކުރަމުންދިޔައީ، މޫސުމީ ބަދަލުތަކުން ލިބޭ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް (ލޮސް އެންޑް ޑެމޭޖް) އަށް އެހީދިނުމަށް ޕެރިސް އެގްރިމެންޓްގެ ދަށުން ކަނޑައެޅުމަށާއި، މި އެހީ ދޭގޮތުގެ މަޢުލޫމާތު ރިޕޯޓްކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް ކަމުގައި ވީ ނަމަވެސް، މިކަން ހާސިލްވެފައެއްނުވެއެވެ.

ފައިނޭންސް

ކްލައިމެޓް ފައިނޭންސިންގ ގެ ދަށުން މި ބައްދަލުވުމުގައި އެއްބަސްވެވުނު ކަންތައްތަކުގެ ތެރޭގައި، ލޮސް އެންޑް ޑެމޭޖަށް ޚާއްސަ ފަންޑެއް މި މުއާހަދާގެ ދަށުން އެކުލަވާލުމާބެހޭ މަޝްވަރާތައް ފެށުމާއި، އެޑެޕްޓޭޝަންއަށް ދޭ ފައިސާ ދެގުނަކުރުމަށް އެހީދޭ ގައުމުތަކަށް ގޮވާލުން ހިމެނެއެވެ. އަދި 2020 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 100 ބިލިއަން ޔޫ.އެސް. ޑޮލަރު ގައުމުތަކުން ފޯރުކޮށްދިނުމަށް 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްވެފައި ނުވާތީ، މިކަމާ ކަންބޮޑުވުން ފާޅުކޮށް، 2025 ވަނަ އަހަރަށް އައު ލަނޑުދަނޑިއެއް ކަނޑައަޅާނެ ވާރކް ޕްރޮގްރާމެއް ފާސްކުރެވުނެވެ.

މި ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރ ޝައުނާ ދެއްކެވި ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށް ވުރެބޮޑަށް އުފުލުނަ ނުދީ ހިފެހެއްޓުމުގެ ލަނޑުދަނޑި ހާސިލްކުރެވޭނެކަމުގެ ޔަގީންކަން ޖަލްސާއިން ލިބިފައި ނުވާތީ އެކަމަނާ ހިތާމަފާޅުކުރެއްވިއެވެ. އަދި އެއްބާރުލުމުގެ ރޫހުގައި، ކުރިއަށް ދިއުމަށްޓަކައި ޖަލްސާގެ ނިންމުންތައް ބަލައިގަންނަން ރާއްޖެއިން އެއްބަސްވީ ނަމަވެސް، މިއީ ދިވެހިންގެ ފުރާނައާ ގުޅިފައިވާ ނިންމުންތަކެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއަށާއި ދިވެހިންނަށް ލިބޭނެ އިއާދަނުކުރެވޭ ގެއްލުންތަކަށް އެހީވުމަށް ފައިސާ ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
————————–
14 ނޮވެމްބަރ 2021