ޚަބަރު

ރާއްޖެ ތަރައްގީގެ ހަލުވި ސްޕީޑްގައި އަންނައިރު، ސްޓެލްކޯ ދެން ވާންވީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ހިދްމަތް ދޭ ކުންފުންޏަކަށް

27 ފެބްރުއަރީ 2022

ރާއްޖެ ތަރައްގީގެ ހަލުވި ސްޕީޑްގައި އަންނައިރު، ސްޓެލްކޯ ދެން ވާންވީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ހިދްމަތް ދޭ ކުންފުންޏަކަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ސްޓެލްކޯގެ ޕަވަރހައުސް މެނޭޖާރޒް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022 އިފްތިތާހު ކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ހިދްމަތް ދިނުމުގެ ގާބިލްކަމާއި، ހުނަރާއި، އަދި ޓެކްނިކަލީ ގޮތުން އެކަން ކުރުމަށް ބޭނުންވާ ކަންކަން ކުރުމުގެ ގާބިލްކަންވެސް ސްޓެލްކޯގައި އެބަހުރި ކަމަށެވެ. މިނިސްޓަރ ޝައުނާ ވިދާޅުވީ ސަރުކާރުން އަހަރެއްގެ މައްޗަށް ތެޔޮ އިމްޕޯޓް ކުރުމަށް ގާތްގަނޑަކަށް ހަތަރުސަތޭކަ މިލިޔަން ޑޮލަރު ހޭދަކުރާ ކަމަށެވެ. ދުނިޔޭގެ ހާލަތު މި ދިޔަ ހަފްތާއެއްގެ ތެރޭގައި މި އަންނަނީ ބަދަލުވަމުން ކަމަށާއި، މި ބަދަލާއި އެކީ ތެލުގެ އަގުވެސް މި އަންނަނީ އުފުލެމުން ކަމަށެވެ. “ތެލަށް އަހަރެމެން ކުރާ ހަރަދު އިތުރުވާނަމަ އެއީ ، ތަރައްގީގެ އެހެން ކޮންމެވެސް ކަމަކަށް ހޭދަކުރަން ހުރި ފާއިސާ. އެ ފާއިސާ ހޭދަ ކުރަން މި ޖެހެނީ ތެޔޮ ގަންނަން.ރާއްޖެއަކީ އިއާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުންކުރެވެން އޮތް ރާއްޖެއެއް” މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. މިނިސްޓަރ ޝައުނާ ވިދާޅުވީ ގާތްގަނޑަކަށް ދުވާލަކު 12 ގަނޑިއިރު އިރުގެ އަލި ދިވެހިރާއްޖެއަށް އެބަލިބޭ ކަމަށާއި، އިރުގެ އަލިން ހަކަތަ ލިބޭ މިންވަރާއި، އަގު މި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުން ކަމަށެވެ. އެ ޓެކްނޮލޮޖީ މި ވަނީ އުފެއްދި އެއާއި ހަމައަށް ވާސިލްވެފައި ކަމަށެވެ. އިއާދަކުރަނިވި ހަކަތަ އަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކޮންމެ ކަމެއްވެސް ހާސިލް ވާނީ އެކަމެއް ކުރަން ފެށުމުން ކަމަށާއި، ބޭނުންވާ މިންވަރު ހާސިލްވެވޭނީ އޭރުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ “ނެޓް ޒީރޯ” ޓާރގެޓް 2030 ވަނަ އަހަރު ހާސިލްކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، މި ޓާރގެޓް ހާސިލްކުރުމަށް ސްޓެލްކޯގެ ހިއްސާ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. މި އަމާޒަށް ވާސިލްވުމަށް ރަށްރަށުގައި ކުރަންޖެހޭ ކަންތައް ކުރުމަށް ސަރުކާރުން އިންވެސްޓްވެސް ކޮށްދޭން ތައްޔާރަށް އޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަން ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްކޮށްދޭން މަސައްކަތް ކުރާނެ ކަމަށާއި، ބޭނުންވަނީ ސްޓެލްކޯގެ އެހީތެރިކަމާއި އެކު ރާވާލައިގެން މި މަސައްކަތާއިގެން ކުރިޔަށް ދިއުން ކަމަށެވެ. ޔުޓިލިޓީ ސްކޭލްގައި އެކަން ކުރުމަށް ސަރުކާރުގެ އެކި އެކި ޕްރޮޖެކްޓްތަކުގެ އެހީތެރިކަމާއި އެކު މިހާރުވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. ސަރުކާރުގެ “ނެޓް ޒީރޯ” ޓާރގެޓް ހާސިލްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އާއްމު ރައްޔިތުންނަށް އެންމެ ފަސޭހައިން، އަވަހަށް ކުރެވޭނެ ގޮތަކީ ގޭގޭގެ ފުރާޅުތަކުގައި “ހޯމް ސޯލާރ” ގާއިމްކުރުން ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. ފެނަކަ އާއި އެކީގައި “ހޯމް ސޯލަރ” ޕްރޮގްރާމެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހަމަ އެ ގޮތަށް ސްޓެލްކޯ އާއި އެކީގައި މި މަސައްކަތް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.