ޚަބަރު

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށަކީ ރައްކާތެރި ރަށެއްގެ ގޮތުގައި ހައްދަވައިދެއްވުން: މިނިސްޓަރ ޝައުނާ

7 މާޗް 2022

ސަރުކާރުގެ  އަމާޒަކީ ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށަކީ ރައްކާތެރި  ރަށެއްގެ ގޮތުގައި ހައްދަވައިދެއްވުމަށް ކަމަށް  މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ  ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން  އެކަމަނާ  ވިދާޅުވީ،  ބައެއް ފަހަރު ތަރައްގީގެ މަސައްކަތްތައް ރޭވޭ އެކިއެކި ގޮތްގޮތުންނާއި، ރޭވޭ އަވަސްމިނުގެ ސަބަބުންވެސް  ރަށްރަށުގެ  ތިމާވެށްޓަށް  ނޭދެވޭ  ކަންކަން  ކުރިމަތިވާ  ކަމުގައެވެ.

ތިމާވެށި  ރައްކާތެރިކޮށް  ދެމެހެއްޓުމަށް  އެންމެ ބޭނުންވާ  ކަންކަން ނުބަލާ  މަޝްރޫޢުތައް  ފަރުމާކުރެވޭކަންވެސް  މިނިސްޓަރ  ފާހަގަކުރެއްވިއެވެ.

މިމޭރުމުން  ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ  މިނިސްޓަރ ޝައުނާ  ވިދާޅުވީ، މޫސުމަށް މިއަންނަ ބަދަލުތަކާއި ގުޅިގެން ޤައުމުތަށް ހޭނޭނީ ކިހާމިންވަރަކަށްތޯ ބަލާއިރުގައި، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސްގައި ނުހިފެހެއްޓިއްޖެނަމަ  ރާއްޖޭގެ އެންމެ މުހިންމު ގުދުރަތީ  އެސެޓު  (މިލްކިއްޔާތު)  ކަމުގައިވާ  ރާއްޖޭގެ ރަށްތަށް ވަށައިގެންމިވާ ފަރުތައް ނެތިދިއުމުގެ ބިރު އެބައޮތް  ކަމަށެވެ. އެހެންވީމާ ، ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ރާވާއިރުގައި  ޚާއްޞަކޮށް އިންފްރާސްޓްރަކްޗަރ މަސައްކަތްތއް ރާވާއިރުގައި  ރަށްރަށުގެ ތިމާވެށި  ރައްކާތެރިކޮށް  ދެމެހެއްޓުމަށް ވަރަށް ބޮޑަށް އެބަ  ސަމާލުވާންޖެހޭ  ކަމަށް  މިނިސްޓަރ ވިދާޅުވެ  ބައެއް  ތަފުސީލުތައްވެސް  ބަޔާންކުރެއްވިއެވެ.