ޚަބަރު

މެޓު އޮފީހަކީ، “ރައްކާތެރިވެ ތިބިއްޔާ ދަތުރު” މިނިސްޓަރ ޝައުނާ

24 މާޗް 2022

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން
ދިމާވާ ކާރިސާތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވާ ހޭދަ އިތުރުވަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބުރަބޮޑުވަމުންދާކަމަށެވެ. އެގޮތުން އަހަރުން އަހަރަށް ކާރިސާތަކުގެ ސަބަބުން ކުރަންޖެހޭ ހޭދަ އިތުރުވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މެޓު އޮފީހުގެ ވޭތުވެދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ފިނިހޫނުމިން 0.23 ޑިގްރީ ސެލްސިއަސްއަށް މިދިޔަ 10 އަހަރު ތެރޭގައި މައްޗަށް ގޮސްފައިވެއެވެ. އަދި ވޭތުދެދިޔަ 47 އަހަރަށް ބަލާއިރު ފިނިހޫނުމިން 1.1 ޑިގްރީއަށް މައްޗަށް ގޮސްފައިވާއިރު، މީގެ ސީދާ އަސަރު ދަނޑުވެރިކަމާއި މަސްވެރިކަމަށް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާރ ޝައުނާ، ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ބަޔަކު ދެކޭ ކަމުގައި ވިޔަސް އެކަން ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެ އެކަމުގެ ތަފުސީލު ދެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ވަރަށް ބޮޑު ސަރަހައްދެއް ކަމަށެވެ. ކަނޑަކީ އެއް ރަށުން އަނެއް ރަށަށް ދިއުމަށް އޮތް “ހައިވޭ”ގެ ގޮތުގައި ސިފަކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ، ކަނޑު ދަތުރު ފަތުރުކުރާއިރު ކަނޑުގަދަވެގެން ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެފަދަ ހާދިސާތަކުން އަރައިގަތުމަށް ދައުލަތުން ބޮޑެތި ހޭދަކުރަންޖެހޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝައުނާ، މެޓް އޮފީސް ސިފަކުރެއްވީ “ރައްކާތެރިވެ ތިބިއްޔާ ދަތުރު” ފަހިކޮށްދޭ އިދާރާއެއްގެ ގޮތުގައެވެ. އެކަމަނާ ވިދާޅުވީ މެޓް އޮފީހަކީ ދާން ބޭނުންވާ މަންޒިލަށް މަގު ފަހިކޮށްދޭ މުއައްސަސާއެއް ކަމަށެވެ. އަދި ކުރީ އަހަރުތަކާއި އަޅާބަލާއިރު މިހާރު އެ އޮފީހުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެތަނުގެ ޓެކްނިކަލް ކެޕޭސިޓީ ވެސް ރަނގަޅު ކަމަށެވެ.

މެޓް އޮފީހުގެ އާ ވެބްސައިޓް ލޯންޗުކޮށްފައިވާއިރު މި ވެބްސައިޓުން ކުރިއަށް އޮތް ތިން ދުވަހުގެ މޫސުން ބަލާލެވޭނެ ކަމަށާއި އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތައް ވެސް ފެންނަން ހުންނާނެކަން އެއޮފީހުން ފާހަަގަކުރެއްވިައެވެ.
މޫސުމަށް އަންނަ ބަދަލުތައް ގުޅިފައިވަނީ ވާރޭ ވެހޭ މިންވަރާއި ރަށް ގިރުމާއި ފެން ފަށަލައަށް އަންނަ ބަދަލުތަކަށް ކަމަށާއި މެޓް އޮފީހުން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދުރާލާ ކަންކަން ރާވަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކި ޕްރޮޖެކްޓްތައް ސަރުކާރުން ހިންގާއިރު މޫސުމަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހު އެކަންތައް ކުރިއަށް ގެންދަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ޝައުނާ އިތުރަށް ވިދާޅުވީ ވާރޭފެން ނެގޭނެ ސަރަހައްދުތައް އަންގައިދޭ ނޮޓިފިކޭޝަން އެޕްލިކޭޝަނަށް އިތުރު ކުރެވިފައިވާއިރު ވާރޭފެން ރައްކާ ކުރުމުގެ ނިޒާމުތައް މިހާރު ހުރި މިންވަރަށް ވުރެން ވެސް ހަރުދަނާ ކުރަން ޖެހޭނެ ކަމަށެވެ. އަދި މި ޚިދުމަތުގެ ބޭނުން އެންމެން ވެސް ހިފުމަށް ވަނީ އެދިވަޑައިގެންފައެވެ.

ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ ހިމެނުނީ 1 ޖޫން 1978ގައެވެ. ރާއްޖޭގެ މޫސުމާބެހޭ މަޢުލޫމާތުތައް އޭގެކުރިން ފެށިގެން އެއްކުރަމުން އައިނަމަވެސް، ޖަމިއްޔާގެ ބައިވެރިއަކަށްވުމާއެކު މޫސުން ދެނެގަތުމުގެ ޤާބިލިއްޔަތުކަން ވަނީ އިތުރުވެފައެވެ.