ޚަބަރު

އެސްޓީއޯއިން ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ވިއްކަން ފެށުން

20 މެއި 2022

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ހަކަތަރި ލޭބަލް ޖެހި އާލާތްތައް ވިއްކަން މިއަދު ފަށައިފިއެވެ. މިއީ ރާއްގޭގައި ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް އެންމެ ފުރަތަމަ ފަހަރަށް ތައާރަފްކޮއް އާންމުންނަށް ވިއްކަން ފަށައިފައިވާ ކުންފުންޏެވެ. ހަކަތަރި ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ތަކެތިކަން ޔަގީންކުރުމަށް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕުރޮގުރާމުގެ ދަށުން ކަރަންޓު އާލާތްތަކުގައި ހަރުކުރާ  ލޭބަލަކީ ކަރަންޓު މަދުންބޭނުންކުރާ އާލާތްތައް ދެނެގަތުމަށް ފަސޭހަކުރުމަށާއި އެފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާއި ގުޅޭ ސައްހަ މަޢުލޫމާތު އަންގައިދިނުމުގެ މަޤްސަދުގައި ހަރުކުރާ ލޭބަލެކެވެ.

މި ހަފްލާ އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލްއިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އޮނަރަބަލް އައިމިނަތު ޝައުނާއެވެ. އެކަމަނާގެ ވާހަކަފުޅުގައި ހަކަތަ ސަމަކާރަ އާލާތްތައް ބޭނުންކުރުމުން ކަރަންޓަށް ކުރަންޖެހޭ ހަރަދު ކުޑަކުރެވި، އާންމުންގެ ޖީބުތަކަށް ލުއިވެގެން ދާނެކަމަށް ވިދާޅުވިއެވެ.  އަދި ހަކަތަރި އާލާތްތައް ރާއްޖޭގެ ބާޒާރުގައި އިތުރުވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާއި ހަކަތަ ސަމަކާރަ މިންވަރު އަންގައިދޭ ސަމަކާރަ ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ ދަރަޖައިގެ ލޭބަލް އަކީ ހަކަތަ ސަމަކާރަ މިންގަނޑަށްފެތޭ އެންމެ ދަށްމިންވަރު އަންގައިދޭ ލޭބަލެވެ. އަދި ފަސްވަނަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑުގެ އެންމެ މަތީ ދަރަޖަ އަންގައިދޭ ލޭބަލެވެ.

ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ މަސައްކަތްތައް ފަސޭހަވީނަމަވެސް ކަރަންޓު ޚަރަދު ބޮޑުވެގެންދިއުމަކީ އެކަމުގެ ސަބަބުން ތަކުލީފުތަކެއްވެސް ކުރިމަތިވާކަމަކެވެ. އެހެންކަމުން ކަރަންޓު އާލާތްތައް ހޯދުމުގައި ހަކަތަރި ލޭބަލުގައިވާ މައުލޫމާތުގެ އަލީގައި ސަމަކާރަ ތަކެތި ޚިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.