ޚަބަރު

ހަކަތަރި ސާމާނު އަގުހެޔޮކޮށް އާންމުންނަށް ހޯދޭނެ މަގު ފަހިކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ފައިނޭންސިންގ ސްކީމުގެ އެއްބަސްވުމުގައި މިނިސްޓްރީއާއި މޯލްޑިވްސް އިސްލާމިކް ބޭންކުން ސޮއިކުރުން

25 މެއި 2022

ހަކަތަރި ސާމާނު އަގުހެޔޮކޮށް އާންމުންނަށް ހޯދޭނެ މަގު ފަހިކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ފައިނޭންސިންގ ސްކީމުގެ އެއްބަސްވުމުގައި މިނިސްޓްރީ އިން މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ސޮއިކޮށްފިއެވެ. މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ސީ.އީ.އޯ އަލްފާޟިލް އަޙްމަދު ރިޒާއެވެ.

ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަކަތަރި ސާމާނު ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ފައިނޭންސިންގް ސްކީމެއް ބޭންކުންކުރިއަށް ގެންދާނެއެވެ. ފައިނޭންސިންގް ސްކީމު ތައްޔާރުކޮށްފައިވަނީ ލިސްޓް ބޭސްޑް ފައިނޭންސިންގ ސްކީމެއްގެ ގޮތުގައެވެ. މިސްކީމުން ގަނެވޭނީ ހަކަތަރި ޕްރޮގުރާމުގެ ދަށުން ލޭބަލް ޖަހާފައިވާ ތަކެތީގެ ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރެއިން 3، 4، އަދި 5 ތަރީގެ ތަކެއްޗެވެ.

ހަކަތަރި ޕްރޮގްރާމަކީ ރާއްޖެ ތަރައްޤީވެ ކުރިއަރައިގެން އަންނައިރު ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުމަށް ކުރެވޭ މަސައްކަތެކެވެ. މިނިސްޓްރީގެ ދިރާސާތަކުން ދައްކާގޮތުން ހަކަތަރި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ހިންގިއްޖެނަމަ، މިފަދަ މަސައްކަތްތަކާނުލާ       2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް އަންދާޒާކުރާ ހަކަތައިގެ މިންވަރުން 16% މަދު ކުރެވިގެންދާނެ. އިންޖީނުގެއަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީ އަށް ބަލާނަމަ މިއީ 2030 އަށް ބޭނުންވާނެކަމަށް އަންދާޒާކުރާ ޖެނެރޭޝަން ކެޕޭސިޓީގެ ތެރެއިން 147 މެގަވޮޓް. އެއީ އައު އިންޖީނުތައް ގަނެ އިތުރު ކަރަންޓުގެ ނިޒާމުތައް ބިނާކުރުމަށް ކުރަންޖެހޭ ހަރަދުގެ ތެރެއިން 800 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ.

ސޮއިކުރި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާ ވިދާޅުވީ ފައިނޭންސިންގް ސްކީމްގެ ދަށުން ހަކަތަރި ލޭބަލްޖެހި ސާމާނު ގަނެދިނުމަށް ހަމަޖެހިފައިވަނީ 10% ރޭޓުގައެވެ. އަދި ވިދާޅުވީ މިއީ މިހާތަނަށް މިފަދަ ސްކީމަކުން ތަކެތި ގަނެދޭ އެއްމެދަށް ރޭޓުކަމަށެވެ.

އިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފްކުރުން މަދުކުރުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަބޭނުންކުރުން އިތުރުކުރުމަށް ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) ގެ އެހީއާއެކު  އ.ދ ގެ ތިމާވެއްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫ.އެން އެންވަޔަރަންމަންޓް) އާގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ސްޓްރެންގތެނިންގ ލޯކާބަން އެނަރޖީ އައިލެންޑްސް ސްޓްރެޓަޖީސް ޕްރޮޖެކްޓުން ވަނީ ފައިނޭންސިންގ ސްކީމަށް 12،288،000 ރުފިޔާ ހަމަޖައްސާފައެވެ. ބޭންކުން މިފައިސާ ބޭނުންކުރާނީ ސްކީމް ހިންގުމަށް ގެރެންޓީއެއްގެ ގޮތުގައެވެ. އަދި ހަކަތަރި ލޭބަލްޖެހި ސާމާނު ގަތުމަށް ބޭނުންވާ ފަރާތްތަކަށް މިސްކީމުން އެތަކެތި ގަނެދޭނީ ބޭންކުގެ ފައިސާއިންނެވެ. ބޭންކުގެ ފަރާތުން 15،360،000 ރުފިޔާ އާހަމައަށް ހަކަތަރި ލޭބަލްޖެހި ސާމާނު ސްކީމުން ގަނެވޭނެއެވެ.