ޚަބަރު

އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުވުމުގެ މަސައްކަތު ބައްދަލުވުމެއް ކ. މާފުށީ ސްކޫލްގެ ދަރިވަރުންނަށް ބާއްވައިފި

6 އޮކްޓޯބަރ 2016

އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް 03-04 އޮކްޓޫބަރު 2016އަށް ކ. މާފުށީ ސްކޫލުގެ ސާނަވީ ދަރިވަރުންނަށް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމުގައި އެ ސްކޫލުގެ ގްރޭޑް އަށެއް އަދި ގްރޭޑް ނުވައެއްގެ 44 ދަރިވަރުން ބައިވެރިވިއެވެ. މި މަސައްކަތު ބައްދަލުވުން ބާއްވާފައި ވަނީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ފަރާތުންނެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން މާފުށީ ސުކޫލުގެ ޕްރިންސިޕަލް އަބްދުއްނާސިރު މުހައްމަދު ވިދާޅުވީ މުޖްތަމައުއެއް ބަދަލުކުރުމުގެ އެއްމެ އިސްދައުރެއް އަދާކުރާނީ ދަރިވަރުން ކަމަށެވެ. އަދި ހަކަތަ އިގްތިސާދު ކުރުމާއި ހެޔޮގޮތުގައި ބޭނުންކުރުމުގެ މައުލޫމާތު ދަރިވަރުންނަށް ދިނުމުގެ ސަބަބުން އޭގެ ފައިދާ މުޅި މުޖްތަމައުއަށް ކުރާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތު ބައްދަލުވުންތަކަކީ ވަރަށް މުހިއްމު މަސައްކަތު ބައްދަލުވުންތަކެއް ކަމަށާއި އެންވަޔަރަމެންޓް މިނިސްޓްރީން މިފަދަ މަސައްކަތްކުރައްވާތީ އުފާކުރައްވާ ކަމަށް ވެސް ނާސިރު ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. އަދި އާއްމު ދިރިއުޅުމުގައި ހަކަތަ ބޭނުންކުރުން މަދުކުރެވޭނެ ގޮތްތަކާއި ތިމާވެށްޓާއި ރައްޓެހި އަމަލުތަކާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މައުލޫމާތުދީފައެވެ. މި ބައްދަލުވުމުގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ މި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އާއި މޯލްޑީވްސް އެނަރޖީ އޮތޯރިޓީގެ ކަމާއި ބެހޭ ތަޖުރިބާކާރުންނެވެ. މިފަދަ މަސައްކަތު ބައްދަލުވުމެއް މިދިޔަ އޮގަސްޓް މަހު ވަނީ ށ. ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ވެސް ބާއްވާފައެވެ.

މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކ. މާފުށީ ސްކޫލްގެ ޕްރިންސިޕަލް އަބްދުއްނާސިރު މުހައްމަދުއެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.