ޚަބަރު

ކްލައުޑް ބޭސްޑް ގަވަރމެންޓް ޑިޖިޓަލް ސަރވިސްއެއް ތަރައްގީކުރުމަށް އެމެރިކާ ސަރުކާރާއެކު ގްރާންޓް އެގްރީމެންޓުގައި ސޮއިކުރުން

28 އޯގަސްޓް 2023

ސަރުކާރުގެ ޑޭޓާ ސެންޓަރުތަކާއި އެހެނިހެން ކްރިޓިކަލް ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ، ކްލައުޑް ބޭސްޑް ގަވަމެންޓް ޑިޖިޓަލް ސާވިސަސް (ޖީޑީއެސް) ޕްލެޓްފޯމަކަށް ބަދަލުކޮށް ތަރައްގީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެމެރިކާގެ ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އޭޖެންސީ )ޔޫއެސްޓީޑީއޭ( އިން ރާއްޖޭގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއެކު ގްރާންޓް އެގްރީމަންޓްގައި މިއަދު ސޮއިކޮށްފިއެވެ.

 

ކްލައުޑް ބޭސްޑް ގަވަރމެންޓް ޑިޖިޓަލް ސާވިސަސް ޕްލެޓްފޯމެއްގެ ސަބަބުން،  ޑޭޓާ މެނޭޖްކުރުމަށާއި ސެކިއުރިޓީ  ބެލެހެއްޓުމަށް ޕަބްލިކް ސެކްޓާގެ ކެޕޭސިޓީ އިތުރުވެ، ޚަރަދުތައް ކުޑަވެ، ކާރިސާތަކުގައި އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ރައްކާތެރި ސަރުކާރުގެ ޓެކްނޮލޮޖީ ސްޓެކެއް ގާއިމުކުރެވި، ކްލައުޑް ކޮމްޕިއުޓިން ސިސްޓަމްތަކާއި އޯޕަން ޑޭޓާ ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ޑޭޓާ ޑްރިވަން ޑިސިޝަން މޭކިން އަށް މަގުފަހިވެގެންދާނެ އެވެ.

 

އެމެރިކާ ސަރުކާރުގެ މި ހިލޭ އެހީ  ސަބަބުން، މި ދާއިރާގެ ކަންކަން މިހާރު ހިނގާ ނުހިނގާގޮތް ދިރާސާކޮށް ބަލައި، ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމާއި ދާއިރާގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ޑޭޓާ ކްލެސިފިކޭޝަން އަދި ޑޭޓާ ބޭނުންކުރެވޭނެ ގޮތްތަކުގެ ސްޓޭންޑަޑްތައް އެކުލަވާލައި، ޑޭޓާ ސެންޓަރާއި ޕްލެޓްފޯމް އާކިޓެކްޗާ ޑިޒައިންތައް ފޯރުކޮށްދީ، ކެޕޭސިޓީ ބިލްޑިން ސްޓްރެޓެޖީއެއް އެކުލަވާލައި، މި ދާއިރާގެ މަޝްރޫޢުތަކަށް ފައިނޭންސްކޮށް ތަންފީޒު ކުރުމަށް ބޭނުންވާ ޑޭޓާ އާއި އެނަލިސިސް ތައްޔާރުކުރުމަށް މަގުފަހިވެގެންދާނެ އެވެ. އަދި ކްލައުޑް ސަރވިސް ފޯރުކޮށްދޭ ފަރާތްތަކާއި އެހެނިހެން ޓެކްނޮލޮޖީ ވިއްކާ ފަރާތްތަކާއި ގުޅިގެން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގެ ގޮތުގައި ރާއްޖޭގައި ޕަބްލިކް ސެކްޓަރ ކްލައުޑް ބޭނުންކުރަންފެށުމަށް ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމަށް ކްލައުޑް ސެންޓަރ އޮފް އެކްސެލެންސްއެއް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެއެވެ.

 

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާމިނަތު ޝައުނާ ފާހަގަކުރެއްވި ގޮތުގައި، އައި.ސީ.ޓީ ދާއިރާ ތަރައްޤީކޮށް ރާއްޖެ ރަށްތައް ޑިޖިޓަލީ ކަނެކްޓް ކުރުމަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެކެވެ. އަދި، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ގައުމީ ކްލައުޑު ގާއިމުކޮށް، ރައްކާތެރި، ހަރުދަނާ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާއަކާއެކު ސަރުކާރުގެ ޑިޖިޓަލް ޚިދުމަތް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، ދުނިޔޭގެ ކްލައުޑް ގެ ހިދުމަތް ދޭ ފަރާތްތަކާ މެދުކެނޑުމެއްނެތި ގުޅި، ރާއްޖޭގެ ޑިޖިޓަލް ތަރައްގީގެ މަސައްކަތްތައް ހަލުވިވެގެންދާނެކަން ވެސް މިނިސްޓަރ މި ބައްލުވުމުގައި ފާހަގަކުރެއްވެވިއެވެ.

 

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި އެމެރިކާގެ ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އޭޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްލެންސީ ހިއުގޯ ޔޮން އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާ ސަރުކާރުން މި މަޝްރޫޢުއަށް 895,000$   (އަށްލައްކަ ނުވަދިހަ ފަސްހާސް އެމެރިކާ ޑޮލަރު) ހިލޭ އެހީގެ ގޮތުގައި ދިނުމަށް ވަނީ އެއްބަސްވެފައެވެ.