ޚަބަރު

“މަގޭ ސޯލާ” ޕްރޮގްރާމް އިފްތިތާޙްކޮށްފި

28 ނޮވެމްބަރ 2023

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ” މަގޭ ސޯލާ” ނަމުގައި  ޕްރޮގްރާމެއް މިއަދު އިފްތިތާހްކޮށްފިއެވެ. މި ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވީ ވަޒީރު އޮނަރަބަލް ޠާރިޤު އިބްރާހީމެވެ. މިޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގުމަށް ރޭވިފައިވަނީ ސަރުކާރާއި، ޔުޓިލިޓީ ކުންފުނިތަކާއި އަދި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެންނެވެ. 

މިއަދު އިފްތިތާހް ކުރެވިގެން މިދަނީ މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވެއްސެވެ. މި ފިޔަވަހީގައި  ސޯލާ ޕީވީ އިން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކަށެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދެވޭނެއެވެ. މި 3 މެގަވޮޓުގެ ސޯލާޕީވީ ގޭބިސީތަކަށް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން މިއަދު މިވަނީ އެ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އާއްމުކޮށް ބީލަމަށް ހުޅުވާލާފައެވެ. މިފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް، ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މިނިޒާމުތައް ގާއިމުކުރެވޭނީ ނެޓް މީޓަރިންގ އުޞޫލުގެ ދަށުންނެވެ. 

ސޯލަރ ޕީވީ ނިޒާމުތަކަކީ އުމުރު ދިގު ނިޒާމުތަކެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރިގޮތަށް ބަލާއިރު މިފަދަ ނިޒާމަކަށް އެއްފަހަރާ އަގުއަދާ ކުރުމަކީ އާއްމު ފަރުދުންނަށް ދަތިކަމެކެވެ. މިއަދު އިފްތިތާހްކުރި ޕްރޮގްރާމު ރާވާފައިވަނީ މިފަދަ ދަތިތަކަށް ލުޔެއް ހޯދައިދީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ގޮތަށެވެ. އަދި ސޯލާ ނިޒާމް ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިޔުންނަށް ލިބިގެންދާނެ ގޮތަށެވެ.