ޚަބަރު

ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑްސް (ސީއެސްއާރްއައި) އިނީޝިއޭޓިވް ގައި ކުދިޖަޒީރާ ޤައުމުތަކުން ބައިވެރިވުމަށް މިނިސްޓަރ ގޮވާލައިފި

5 ޑިސެމްބަރ 2023

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި  އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ އެހީ ހޯދުމަށް ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤު މިހެން ވިދާޅުވީ މިހާރު ދުބާއީގައި ކުރިއަށްދާ އ.ދ ގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުޢާހަދާ ގެ 28 ވަނަ ބައްދަލުވުން، ނުވަތަ ކޮޕް28 ގެ ހަވާސާގައި ރާއްޖޭގެ ފަރާތުން އިސްނަގައިގެން ކުރިޔަށް ގެންދާ ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް (ސީއެސްއާރްއައި) ގެ ދަށުން ބޭއްވި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސީއެސްއާރްއައި އިނީޝިއޭޓިވްއަކީ ރާއްޖެ އިސްނަގައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ މައިގަނޑު އަމާޒަކީ، ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އަދި މިކަމަށް އެޑަޕްޓުވުމަށް، ގުޅިގެން މަސައްކަތް ކުރުމަށާއި އަދި ބޭނުންވާ އެހީ ހޯދާ ތަފާތު ޕްރޮގްރާމްތައް ހިންގުމެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރެވޭ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހަމަޖެހިފައިވަނީ، ފެނުގެ ޔަޤީންކަން ކަށަވަރު ކުރުމަށް މަޝްރޫޢުތަކެއް ހިންގުމަށް އެހީ ހޯދުމެވެ. ސީއެސްއާރުއައި ޕްރޮގްރާމަކީ ޖަރުމަނު ސަރުކާރުގެ ތަރައްޤީއަށް އެހީވެދޭ އޭޖެންސީ، ޖީ.އައި.ޒެޑް އަދި ގްރީން ކުލައިމެޓް ފަންޑާއި ގުޅިގެން ހިންގޭ ޕްރޮގްރާމެކެވެ.

މި ބައްދަލުވުމުގައި ސަމޯއާގެ މިނިސްޓަރ ފޯ ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރަންމަންޓް ޓޯލްސުލުސުލު ސެޑްރިކް ޝޫސްޓަރ ވަނީ މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަމާއި އަދި މި މަސައްކަތުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ ފައިދާގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން، މި ބައްދަލުވުމުގައި ޖީއައިޒެޑްގެ ގެ ޑިރެކްޓަރ ކާޓްޔާ ކެމެރަރ ވަނީ މި މަޝްރޫއުގެ ދަށުން މިހާތަނަށް ހިންގާފައިވާ މަސައްކަތްތަކަށް ބައްލަވާލައްވާފައެވެ. އަދި، ގްރީން ކްލައިމެޓް ފަންޑްގެ ޑިރެކްޓަރ ފޮ ކަންޓްރީ ޕްރޮގްރާމިންގ ޑިވިޝަން ގެ ފަރާތުންވެސް ވަނީ ވާހަކަފުޅު ދައްކަވާ، އެ ފަންޑާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދެއްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި، ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކުން ސީއެސްއާރުގައި ބައިވެރިވެ ގުޅިގެން މަސައްކަތް ކުރުމަށް، މިނިސްޓަރ ޠާރިޤު ވަނީ އިލްތިމާސް ކުރައްވާފައެވެ. މިބައްދަލުވުމުގައި، ރާއްޖޭގެ އިތުރުން، މި ޕްރޮގްރާމުގައި ބައިވެރިވާ އެހެނިގެން ޤައުމުތަކުގެ މަންދޫބުންނާއި އަދި މަދަނީ ޖަމާޢަތްތަކުގެ ބައިވެރިންވެސް ވަނީ ބައިވެރިވެފައެވެ.