ޚަބަރު

ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް(ކޭންސީސީ) ގެ ރިއާސަތާއި ދިވެހިރާއްޖެއިން ޙަވާލުވެއްޖެ

6 ޑިސެމްބަރ 2023

އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ހިނގަމުންދާ އ.ދ. ގެ މޫސުމަށް އަންނަބަދަލުތަކާބެހޭ މުޢާހަދާގެ 28 ބަނަ ބައްދަލުވުން ނުވަތަ ކޮޕް28 ގެ ހަވާސާގައި، 5 ޑިސެމްބަރު ވީ އަންގާރަ ދުވަހު  ބޭއްވުނު ކޭންސީސީ ގެ ބައްދަލުވުމުގައި، ރާއްޖޭގެ ފަރާތުން ރިޔާސަތާއި ޙަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް ކުލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ.

ކޭންސީސީ އަކީ އަތޮޅުތަކުގެ މައްޗަށް އެކުލެވޭ 5 ޤައުމުކަމުގައިވާ ދިވެހިރާއްޖެ، މާޝަލް އައިލެންޑްސް، ކިރިބާސް، ޓުވާލޫ އަދި ޓޮކެލާއޫ  ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ. މިޖަމާޢަތުގެ މައިގަނޑު މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ގިނައެއްގޮތް ކަންކަންއެކުލެވޭ، ކުދި އަދި ބިންތިރި ޖަޒީރާ އަތޮޅު ތަކުގެ މައްޗަށް އެކުލެވޭ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކޮށް މިފަދަ ޤައުމުތަކުގެ ޚާއްސަ ނާޒުކުކަމާއި ގުޅޭގޮތުން ވަކާލާތު ކުރުމެވެ.

ކޭންސީސީގެ ރިޔާސަތާއި ޙަވާލުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤު އިބްރާހީމް ވަނީ އަތޮޅު ޤައުމުތައް ޖިއޮގްރަފީގެ ގޮތުންނާއި އުފެދިފައިވާ ގޮތުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަށް ވަކިން ޚާއްސަކޮށް މިފަދަ ޤައުމުތަކަށް ދިމާވެފައިވާ ނާޒުކު ތިމާވެށީގެ މަސްއަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި, މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށާއި، އަދި މިކަމުގެ ސަބަބުން ލިބޭ އިއާދަ ނުކުރެވޭ ގެއްލުންތައް ފޫބެއްވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ، މިމަސައްކަތަށް ކުރެވިފައިވާ ރަނގަޅު ތަޖްރިބާތައް ޙިއްސާ ކުރުމުގެ މުހިންމުކަމާއި  ގުޅޭގޮތުން ވާހަކަފުޅު ދައްކަވާ، އަތޮޅު ޤައުމުތައް ގުޅިގެން އެއްބައިވަންތަކާމާއެކު މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައިވެއެވެ.