ޚަބަރު

“ކެޕޭސިޓީ ސްރެންތަނިންގ ފޯ އިމްޕްރޫވްޑް ޓްރާންޕެރަންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވެސް” (ސީ-ބިޓް މޯލްޑިވްސް) ޕްރޮޖެކްޓުގެ 2 ވަނަ ސްޓިއަރިންގް ކޮމިޓީ ބައްދަލުވުން ބާއްވައިފި

7 މާޗް 2024

“ކެޕޭސިޓީ ސްރެންތަނިންގ ފޯ އިމްޕްރޫވްޑް ޓްރާންޕެރަންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވެސް” (ސީ-ބިޓް މޯލްޑިވްސް) ޕްރޮޖެކްޓުގެ 2 ވަނަ ސްޓިއަރިންގް ކޮމިޓީ ބައްދަލުވުން ބާއްވައިފިއެވެ. މި ޕްރޮޖެކްޓާއި ގުޅުންހުރި ދައުލަތުގެ އެކިއެކި މުއައްސަސާތައް ހިމެނޭހެން އެކުލަވާލެވިފައިވާ ޕްރޮޖެކްޓް ސްޓިއަރިންގް ކޮމިޓީ ޗެއަރ ކުރެއްވީ މި މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޖުވަދު މުސްތަފާ އެވެ. މި ސްޓިއަރިންގް ކޮމިޓީގައި، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި ޔޫއެން އެންވާރަމަންޓް ތަމްސީލުކުރައްވާ ބޭފުޅުން ހިމެނެއެވެ.

މި ބައްދަލުވުމުގައި، 2024 ވަނަ އަހަރަށާއި 2025 ވަނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓުގެ މަސައްކަތްތައް ރާވާލެވިފައިވާ ގޮތުގެ ވަރކްޕްލޭންގެ އިތުރުން، ޕްރޮޖެކްޓުގެ ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، މި ބަދަލުތައް ކޮމިޓީގެ ފަރާތުން އެންޑޯޒް ކުރައްވާފައިވެއެވެ.

މި ޕްރޮޖެކްޓަކީ މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (ޔޫ.އެން. އެންވަޔަރަންމަންޓް) އާއި ގުޅިގެން ގްލޯބަލް އެންވަޔަރަންމަން ފެސިލިޓީ (ޖެފް)ގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ހޯދުމަށާއި ޖައްވު ހޫނު ކުރާ ގޭސް ބޭރުކުރެވޭ މިންވަރު މަދުކޮށް ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ އަދި ގިނަވެގެން 2 ޑިގްރީގައި ހިފެހެއްޓުމަށް މަސައްކަތްކުރުމަށް 2015ގައި ވަނީ  ޕެރިސް ކުލައިމެޓު އެގްރީމެންޓް އެކުލަވާލަފައެވެ. މިއީ ރާއްޖެވެސް ބައިވެރިވެފައިވާ މުހިންމު އެއްބަސްވުމެކެވެ.

ޕެރިސް އެގްރީމެންޓްގައި ކޮންމެ ޤައުމަކުންވެސް ޖައްވަށް ދޫކުރާވިހަގޭހުގެ މަޢުލޫމާތާއި، ވިހަގޭސް ޖައްވަށްދޫކުރާވަރު މަދުކުރުމަށް ހިންގާ ތަފާތު މަޝްރޫއުތަކާއި ބެހޭ މަޢުލޫމާތާއި، އެޑެޕްޓޭޝަންގެ ދާއިރާތަކުން ހިންގާ މަޝްރޫއު ތަކުގެ މަޢުލޫމާތާއި، މިފަދަ މަޝްރޫއުތަކަށް ހޭދަކުރާ އަދި އިންވެސްޓު ކުރާވަރާވަރާބެހޭ މަޢުލޫމާތު އެއްކޮށް، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްއަށް ރިޕޯޓުކުރުމަށް ކަނޑައަޅާފައިވެއެވެ.