ޚަބަރު

އެނަރޖީ އެފިޝެންސީއާއި މެދު ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފި

31 އޮކްޓޯބަރ 2016

އެނަރޖީ އެފިޝެންސީއާއި މެދު ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި މިއަދު ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކުރެވުނީ ތިން މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 490,000 ރުފިޔާއަށެވެ. މި ދިރާސާ އަކީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ފަރާތުން ކުރިއަށް ގެންދާ ދިރާސާއެކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ހަމީޒެވެ .

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޟިލް އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ މިއީ މިފަދަ ދިރާސާ އެއް ރާއްޖޭގައި ހަދާ ފުރަތަމަ ފަހަރު ކަމަށާއި މި ދިރާސާއިން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެނަރޖީ އެފިޝެންސީ އަށް ހޭލުންތެރިކުރުމުގެ ކެންޕެއިނެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

މިދިރާސާގެ ތެރެއިން އެނަރޖީ އެފިޝަންސީ އާއި ބެހޭގޮތުން ޢާއްމުންގެ ހޭލުންތެރިކަން ހުރި މިންވަރު، ގޭބިސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރު، އެނަރޖީ އެފިޝަންޓް ކުރުމުގައި ދިމާވާ ދަތިތައް އަދި ކަރަންޓް ސާމާނު ގަތުމުގައި މީހުންގެ ވިސްނުން ހުންނަ ގޮތުގެ މައުލޫމާތު އެއްކުރެވޭނެއެވެ. މި ދިރާސާ ކުރުމަށް ހަމަޖެހިފައި ވަނީ މުޅި ރާއްޖެ ތަމްސީލްވާގޮތަށެވެ. އެގޮތުން މާލޭ އާއި އަތޮޅުތެރޭގެ ރަށްތަކުން މި ދިރާސާއަށް މައުލޫމާތު އެއްކުރާނެއެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ.