މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ކަންތައްތަކަށް ހިއްސާކުރުމުގެ ގޮތުން ކަމާގުޅުންހުރި ފަރާތްތަކަށް ހާއްސަކޮށްގެން މިއަދު ވޯކްޝޮޕެއް ބާއްވައިފިއެވެ. ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭންގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރާއްޖެއިން ގެންގުޅޭ ސްޓްރެޓެޖީތައް ބަޔާންކޮށްފައިވެއެވެ. މި ޕްލޭންއަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާކަމަށްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ޕެރިސް އެގްރީމެންޓްގެ ދަށުން ކޮންމެ ޤައުމަކުންވެސް ފަސް އަހަރަކުން އެއް އަހަރު ހުށަހަޅަންޖެހޭ ޕްލޭންއެކެވެ.
މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުاللهއެވެ. އަމްޖަދުގެ ވާހަކަފުޅުގައި، ކްލައިމެޓް އެކްޝަން ޕްލޭން އެކުލަވާލުމުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި ޕްލޭން ތައްޔާރުކުރުމުގައި ކަމާ ގުޅުންހުރި ފަރާތްތަކުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި، މި ޕްލޭން ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ފައިނޭންސިންގ، ޓެކްނޮލޮޖީ، ކެޕޭސިޓީ ބިލްޑިންގ އަދި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މުހިންމު ދައުރެއް އޮތް ކަމަށް ވިދާޅުވިއެވެ. އަމްޖަދު އިތުރަށް ވިދާޅުވީ ކްލައިމެޓް އެކްޝަން ޕްލޭނަކީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކަށް މަގުދައްކައިދޭ އޮނިގަނޑެއް ކަމަށާއި އެ ޕްލޭން މެއިންސްޓްރީމްކޮށް ފުޅާ ދާއިރާއެއްގައި ފެތުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޯޕެނިންގް ރިމާކްސްއަށް ފަހު މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން ވަނީ ޓެކްނިކަލް ޕްރެޒެންޓޭޝަންތަކެއް ބައިވެރިންނާ ހިއްސާކޮށްފައެވެ. މި ޕްރެޒެންޓޭޝަންތަކުގައި ދަނޑުވެރިކަމާއި ކާނާގެ ޔަޤީންކަން، ފެނުގެ ޔަޤީންކަން، އިންފްރާސްޓްރަކްޗަރގެ ވިލުންތެރިކަން، ގޮނޑުދޮށް ހިމާޔަތްކުރުން، އާންމު ސިއްހަތު، ކޮރަލް ރީފްސް އެންޑް ބަޔޯޑައިވަރސިޓީ، ފަތުރުވެކަން، މަސްވެރިކަން، ދުރާލާ އިންޒާރުދޭ ނިޒާމާއި މޫސުމަށް އަންނަ ބަދަލު މޮނިޓަރކުރުން، ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި މެނޭޖްކުރުން، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ އިއާދަނުކުރެވޭ ގެއްލުން ފަދަ މުހިންމު ދާއިރާތަކުން ސްޓްރެޓެޖީތައް ހިއްސާކުރެއްވިއެވެ. އެ ޑިޕާޓްމަންޓުން ވަނީ މި ދާއިރާތަކުން ކުރާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެ ދާއިރާއަކާ ގުޅުންހުރި ސްޓްރެޓެޖީތަކުގެ ތަފްސީލެއް ދެއްވާފައެވެ.
މި ވޯކްޝޮޕްގައި ކްލައިމެޓް އެކްޝަން ޕްލޭން ހަރުދަނާގޮތެއްގައި ތަންފީޒުކުރުމަށް ބޭނުންވާ ކްރޮސް ކަޓިންގ ދާއިރާތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދާއިރާތަކަކީ އެޑަޕްޓޭޝަން ސްޓްރެޓެޖީތަކާއި ޕްލޭންގައި ކަނޑައަޅާފައިވާ މިޓިގޭޝަން ޓާގެޓް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި ވަރަށް މުހިންމު ދާއިރާތަކެކެވެ. މި ޕްރެޒެންޓޭޝަންތަކަށްފަހު ސުވާލާއި ޖަވާބު ސެޝަނެއް ކުރިއަށް ގެންގޮސް، ކްލައިމެޓް އެކްޝަން ޕްލޭނާ ގުޅޭ ގޮތުން ބައިވެރިންނަށް ހިޔާލާއި ކޮމެންޓު ދިނުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުاللهދެއްކެވި ވާހަކަފުޅުގައި، ކްލައިމެޓް އެކްޝަން ޕްލޭންގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަމްޖަދުގެ ވާހަކަފުޅުގައި، މި ޕްލޭން އެކުލަވާލުމުގައި ހުރިހާ ފަރާތްތަކަކުން ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތްތަކަށް ޝުކުރު އަދާކުރައްވައި، މި ޕްލޭން ތަންފީޒުކުރުމުގެ މަރުޙަލާގައި، އެފަރާތްތަކުގެ ބައިވެރިވުން ދެމެހެއްޓުމަށް ބާރުއެޅުއްވިއެވެ. އަމްޖަދު ވަނީ މި ޕްލޭންގެ މަގްސަދުތައް ހާސިލްކުރުމަށް ބޭނުންވާ އެއްބާރުލުން ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.