ޚަބަރު

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާ ގުޅޭގޮތުން ކަސްޓަމްސް އޮފިސަރުން އަހުލުވެރިކުރުމަށް ބޭއްވި ޓްރެއިނިންގ ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި

15 ނޮވެމްބަރ 2016

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގުޅިގެން، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާ ގުޅޭގޮތުން ކަސްޓަމްސް އޮފިސަރުން އަހުލުވެރިކުރުމަށް ބޭއްވި ޓްރެއިނިންގ ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ސެޓްފިކެޓްތައ ޙަވާލުކޮށްދެއްވީ ސީނިއަރ ސްޕަރއިންޓެންޑެންޓް އަލްފާޟިލް އަހުމަދު ނިޔާޒެވެ.

އެއްދުވަހުގެ މުއްދަށް ކުރިއަށްގެންދިޔަ މި ޓްރެއިނިންގް ޕްރޮގްރާމްގައި ދިވެހި ރާއްޖޭއިން މޮންޓްރިއަލް ޕްރޮޓޮކޯލްގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ބެހޭ ގޮތުން މޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް، އެފަދަ ތަކެތި އެތެރެކުރުން ކޮންޓްރޯލް ކުރުމުގައި ތަންފީޒީ އޮފިސަރުންގެ ޒިންމާގެ މައްޗަށްވެސް އަލިއަޅުވާލި އެވެ.

ބައިވެރިންނާއި އެކު ހިންގުނު ޢަަމަލީ ހަރަކާތަކުންނިމިގެންދިޔަ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކޮންރޯލް ކުރެވިފައިވާ ނުވަތަ މަނާކުރެވިފައިވާ އޯޒޯންފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަށް ކަސްޓަމްސް އޮފިސަރުން އަހުލުވެރިކޮށް ތަމްރީން ކުރުމުވެ. މި ސިލްސިލާ ޕްރޮގްރާމްގެ 10 ވަނަ ޓްރޭނިންގ ޕްރޮގްރާމްގައި 18 ކަސްޓަމް އޮފިސަރުން ބައިވެރިވިއެވެ.

މި ތަމްރީން ޕްރޮގްރާމްގެ ނިންމުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން، އެންވަޔަރަންމަންޓް މިނިސްޓްރީ ގެ ޑިރެކްޓަރ އަލްފާޟިލާ މިރުޒާ މުހައްމަދު ބައިނަލްއޤުވާމީ މުއާހަދާތައް ތަންފީޒުކުރުމުގައި ކަސްޓަމްސް އޮފިސަރުންގެ ދައުރު ފާހަގަކޮށް އެބޭފުޅުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިފަދަ އެތައް މަސައްކަތް ކުރިއަށް ހުރިކަމާއި އެމަސައްކަތް ކާމިޔާބުވުން މަގުފަހުވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ކަސްޓްމްސާއި ދެމެދު އޮތް ގުޅުން ދެމިއޮތުމުން ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ޓްރޭނިންގ ޕްރޮގްރާމްތަކުގެ ބޭނުންތެރިކަން ފާހަގަ ކުރައްވާ، އަދި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ސީނިއަރ ސްޕްރިންޓެންޑެންޓް އަލްފާޟިލް އަހުމަދު ނިޔާޒް ފާހަގަ ކުރެއްވިއެވެ.