ޚަބަރު

ސ. ހުޅުދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

24 ނޮވެމްބަރ 2016

ސ. ހުޅުދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ޙަވާލުކޮށްފައިވަނީ އާރ.އާރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އާރ.އާރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރަންޖިތް ސެންދެރާއެވެ. މި ޝްރޫޢުގެދަށުން ސ.ހުޅުދޫގެ ގިރާ ސަރަޙައްދުގައި 1000 މީޓަރުގެ ބޮޑު ހިލައިގެ ތޮށި ޤާއިމްކުރެވިގެންދާނެ އެވެ. މިތޮއްޓަކީ ސ.ހުޅުދޫގެ ދެކުނުފަރާތުގައި 2008 ގައި ޖަހާފައިވާ 450 މީޓަރުގެ ތޮއްޓާއި ގުޅޭ ގޮތަށް އުތުރަށް 1 ކިލޯމީޓަރަށް ހެދިގެންދާނެ ތޮއްޓެކެވެ. އަދި މި މަސައްކަތުގެ ތެރޭގައި ކުރީގައި ޖަހާފައިވާ ތޮށިވެސް މަރާމާތު ކުރެވިގެންދާނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުގެ ޚަރަދުގައި މިއަހަރުތެރޭގައި ފަށައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ 06 ވަނަ މަޝްރޫޢުއެވެ.