މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެނުގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ “ކްލައިމެޓް އިންޑިއުސްޑް ވޯޓަރ ސެކިއުރިޓީ ފޯރަމް” މިއަދު މާލޭގައި ފަށައިފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އިންތިޒާމުކުރާ މި ފޯރަމަކީ ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އަދި ޖަރުމަނުގެ ޖީ.އައި.ޒެޑް (GIZ) އާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
މިފޯރަމްގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވަނީ މުރަކައިގެ މައްޗައް އެކުލެވޭ ކުދިޖަޒީރާ ގައުމުތައް ކަމުގައިވާ ކިރިބާސް، ޓުވާލޫ، ރިޕަބްލިކް އޮފް މާޝަލް އައިލެންޑްސް، އަދި ޓޮކެލާކޫ އެވެ. މިގައުމުތަކުގެ ޕޮލިސީ، ރެގިއުލޭޓަރީ، ތައުލީމީ، ފަންނީ އަދި ޔުޓިލިޓީ ޚިދުމަތްދޭ ފަރާތްތަކުން ބައިވެރިވެއެވެ. މިއީ ފެނުގެ ޔަޤީންކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތަކާ މެދު ދިވެހި ރާއްޖެއާ އެއްފަދަ ކުދިޖަޒީރާ ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ބޭއްވޭ ބައްދަކުވުމެކެވެ.


މި ފޯރަމް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ތާރިގް އިބްރާހީމެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ފެނުގެ ދަތިކަން ކުރިމަތިވުމުގެ ފުރުސަތު ބޮޑުވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި މިފަދަ އެހެން ޖަޒީރާ ގައުމުތަކަށް މިހާރުވެސް ތަހައްމަލު ކުރަންޖެހިފައިވާ ތިމާވެށީގެ ބޮޑެތި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ވާރޭ ވެހޭގޮތްތަކަށް ބަދަލު އައުމާއި، ވާރޭނުވެހޭދުވަސްވަރު ދިގުލައިގެން ދިއުމާއިލޮނުވަނުމުގެ ސަބަބުން ބިމުގެ ފެންފަށަލަ ލޮނުން ތަޣައްޔަރުވުން ހިމެނެއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި ސަރުކާރުން ފެނުގެ ޔަޤީންކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ. ރާއްޖޭގެ ކްލައިމެޓް އެކްޝަން ޕްލޭންގައި ވާފަދައިން ކާބަން މަދުވާނެގޮތަށް ތަރައްޤީގެ މަޝްރޫއުތައް ބައްޓަންކުރުމާއި މޫސުމީ ވިލުންތެރިކަން ވަރުގަދަކުރުމަށް ދިވެހި ރާއްޖޭން ވަނީ ކަނޑައަޅާފައެވެ. ފޯރަމްގައި ފާހަގަކުރެވުނު ގޮތުގައި، ފެނުގެ ޔަޤީންކަން ކަށަވަރުކުރުމަށް ކަށަވަރުކުރުމަށްޓަކައި އިންފްރާސްޓްރަކްޗަރ އަށް އިންވެސްޓްކުރުމާއި، ޓެކްނޮލޮޖީގެ އައު އީޖާދުތަކާއި، އަދި މުޖުތަމައުގެ ބައިވެރިވުން ހިމެނޭހެން ޝާމިލުވާ އުސޫލުތަކެއް ބޭނުންވެއެވެ. ރާއްޖެއިން ދަނީ މި ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންކަމަށް ވެސް މިނިސްޓަރ ވިދާޅުވުވިއެވެ.
މި ފޯރަމްގައި ކުރިއަށްދާ ފަންނީ ސެޝަންތަކުގައި، ބައިވެރިވާ ގައުމުތަކުގެ މެދުގައި މައުލޫމާތާއި އަމަލީ ތަޖުރިބާ ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައިވަނީ ލޮނުފެން މީރުފެނަށް ހަދާ ނިޒާމުތައް، ބިންމުގެ ފެންފަށަލަ މެނޭޖްކުރުމާއި ރައްކާތެރިކުރުން ، ވާރޭފެން ނެގުމާއި ރައްކާކުރުން، ޔުޓިލިޓީ އޮޕަރޭޝަންތަކާއި މަރާމާތު އަދި ކުއްލި ހާލަތްތަކުގައި ފެން ފޯރުކޮށްދިނުމުގެ މައްޗަށެވެ.





