މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މަޤާމަށް އަލްފާޟިލް ޢަލީ ޝަރީފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް އޭނާ އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޢަލީ ޝަރީފް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މަޤާމުގެ ހުވާ ކުރައްވާފައެވެ. ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.
ޢަލީ ޝަރީފަކީ މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ އަމާޒުތައް ހާސިލުކުރުމުގައި އަލީ ޝަރީފް ވަނީ އިސްދައުރެއް އަދާކޮށްފައެވެ.