ޚަބަރު

ސަރުކާރުގެ މިނިސްޓްރީތަކަށް އަމާޒުކޮށްގެން އޮފީސް މާހައުލުގައި ހަކަތަ އިޤްތިސާދުކުރުމަށް ބާރުއެޅުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

28 ޑިސެމްބަރ 2016

ސަރުކާރުގެ އޮފީސް އިދާރާތަކުން ކަރަންޓު އިސްރާފްވާ މިންވަރު މަދުކޮށް ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުގެ އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުއާއި މިނިސްޓްރީގެ އެނަރޖީ ޑިޕާރޓްމަންޓާއި ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތު ބައްދަލުވުމެވެ. މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ އެކި އެކި މިނިސްޓްރީތަކުން 18 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަ ފުޅު ދެއްކެވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕަރމަނެންޓް ސެކްރެޓަރީ އަލްފާޟިލް އަޖްވަދު މުސްތަފާއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ އިމާރާތްތަކުން ހަކަތަ އިސްރާފްވުން މަދުކުރުމަށް މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާ ލައްވާފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ކަމާބެހޭ ބޭފުޅުންނެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.