ޚަބަރު

އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން އިފްތިތާޙުކޮށްފި

2 ފެބްރުއަރީ 2017

ސްކޫލްތަކުގައި ތިމާވެށީގެ ހަރަކާތްތައް ހަރުދަނާ ކުރުމަށް ގައިޑްލައިނެއް މިއަދު ލޯންޗުކޮށްފިއެވެ. މިއަދު އިމާދުއްދީން ސްކޫލްގައި ބޭއްވި ޚާއްސަ އެސަމްބްލީއެއްގައި މި ގައިޑްލައިން ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ.

މި ގައިޑް ލައިންގެ ސަބަބުން ސްކޫލް ތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ސްކޫލް ފެންވަރުގައި ތިމާވެށި ހިމާޔާތް ކުރުމަށް މަސައްކަތް ކުރަން ފަސޭހަ ވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ވިދާޅުވިއެވެ. މިއަދުގެ ހާއްސަ އެސެމްބްލީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިގް އިބްރާހިމް ވިދާޅުވީ، މިއަދު ރާއްޖޭގައި ތިމާވެށި ހިމާޔާތް ކުރުމަށްޓަކައި ކުރެވިފައިވާ އެންމެ ބޮޑު އަދި އެންމެ މުހިންމު މަސައްކަތަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުން ކަމުގައެވެ.

މީގެ އިތުރުން ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔާތްކޮށް ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސްކޫލް ތަކުގެ ދަރިންވަރުންވެސް ވިސްނާއި މިކަމަށް ގެނެވިދާނެ ހައްލުތައް ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އެސަމްބްލީގައި މާލޭގެ އެކި ސްކޫލްތަކުގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ކޮންމެ ސްކޫލަކަށްވެސް މި ގައިޑްލައިން ވަނީ ޙަވާލުކޮށްފައެވެ.