ޚަބަރު

ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ޙަވާލުކޮށްފި

16 ފެބްރުއަރީ 2017

އެކަށީގެންވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ، ސ. ހުޅުދޫ އަދި ސ. މީދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުއަކީ އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި ތިން ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކަޓިވް އޮފިސަރ އަލްފާޟިލް އިބްރާހިމް ޒިޔަތެވެ.

މި މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ޙަވާލު ކުރެވިފައިވަނީ 130,650,218(ސަތޭކަ ތިރީސް މިލިއަން ހަ ސަތޭކަ ފަންސާސް ހާސް ދުއިސައްތަ އަށާރަ ރުފިޔާ) އަށެވެ.

މިމަޝްރޫޢުގެ ދަށުން 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރެވޭނެއެވެ. އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫގައި ނަރުދަމާގެ ޚިދުމަތް ޤާއިމްވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުޢައްސަސާތަކަށް ނަރުދަމާގެ ޚިދުމަތް ގުޅާ ދެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ މިއެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 15 މަސް ދުވަހެވެ.