ޚަބަރު

އެނަރޖީ އެފިޝަންސީ އާރޓް ކޮމްޕެޓިޝަން 2016 ގެ ނަތީޖާ ފާޅުކޮށްފި

27 ފެބްރުއަރީ 2017

“އެނަރޖީ އެފިޝަންސީ އާރޓް ކޮމްޕެޓިޝަން 2016″ ގެ ނަތީޖާ ފާޅުކުރުމުގެ ޙަފްލާ މިއަދު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބާއްވައިފިއެވެ. “ސްޓްރެންތެނިން ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް” ޕްރޮޖެކްޓުން 2016 ވަނަ އަހަރު ކުރިއަށް ގެންދިޔަ މިމުބާރާތުގެ މަޤްސަދަކީ ހަކަތަ ހެޔޮގޮތުގައި ބޭނުން ކުރުމާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. ރަސްމިއްޔާތުގައި ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމުތައް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހިމެވެ. މި ހަފްލާގައި މިނިސްޓަރ ޠާރިޤު އިބްރާހިމް ވަނީ އެނަރޖީ އެފިޝަންސީއަށް އާންމުން ހޭލުންތެރިކުރުވުމަށް ބޭނުންކުރާނެ ދެ ވީޑިއޯ ސްޕޮޓެއްވެސްލޯންޗް ކޮށްދެއްވާފައެވެ.

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ކޮންމެ ކެޓެގަރީއަކުން އެއްވަނައަށް ހޮވޭ ކުރެހުންތައް، މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން އަދި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ހަރާކާތުގެ މެމްބަރުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާ އެނަރޖީ އެފިޝަންސީ ބެޖްގެ ފަރުމާތަކުގެ ގޮތުގައި ބޭނުން ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މި މުބާރާތުގެ ކެޓެގަރީތައް ބާހާލެވިފައިވާ އުމުރުފުރާތަކަކީ 6 އަހަރާއި 9 އަހަރާ ދެމެދު އުމުރުފުރާ، 10 އަހަރާއި 11 އަހަރާ ދެމެދު އުމުރުފުރާ، 12 އަހަރާއި 17 އަހަރާ ދެމެދު އުމުރުފުރާ، 17 އަހަރާއި 25 އަހަރާ ދެމެދު އުމުރުފުރާއެވެ.

މި މުބާރާތުގެ އުމުރުފުރާތަކުގެ ތެރެއިން އެންމެ ހަގު އުމުރުފުރާއިން އެއްވަނައަށް ހޮވިފައިވަނީ ތިނަދޫ ސްކޫލުގެ ދަރިވަރު މަރިޔަމް ޝައުރާ ސާމިރުއެވެ. ޖަމާލުއްދީން ސްކޫލްގެ ދަރިވަރު އަބްދުﷲ އިޔާން އުބައިދުﷲ އަށް މި ކެޓެގަރީން ދެވަނަ ލިބިފައިވާއިރު ހަމަ އެ ސްކޫލްގެ ދަރިވަރު އަލްޔާ އުބައިދުﷲ ވަނީ މި ކެޓެގަރީގެ ތިންވަނަ ހާސިލް ކޮށްފައެވެ. 9 އަހަރާއި 10 އަހަރާ ދެމެދު އުމުރުފުރާއިން އެއްވަނައަށް އަމީނިއްޔާ ސްކޫލްގެ ދަރިވަރު ނާއިޚް އިލްޔާސް ހޮވި، ދެވަނަ އާއި ތިންވަނައަށް ހޮވިފައިވަނީ ތިނަދޫ ސްކޫލްގެ ދަރިވަރު މަރިޔަމް ލަޔާން ވަޙީދާއި އިސްކަންދަރު ސްކޫލްގެ ދަރިވަރު އީޝަލް އަޙްމަދު ނަސީރެވެ. މި މުބަރާތުގެ 3 ވަނަ ކެޓެގަރީ، 11 އަހަރާއި 17 އަހަރާ ދެމެދު އުމުރުފުރާއިން އެއްވެސް ކުރެހުމެއް ވަނައަކަށް ހޮވިފައިވާ ނުވާއިރު 4 ވަނަ ކެޓެގަރީން އެއްވަނައަށް ހޮވިފައިވަނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރު އަބާން މުޙައްމަދު ޒާހިރެވެ. މި ކެޓެގަރީން ދެވަނައަށް ސުމާ ޚާލިދު މުޙައްމަދު ހޮވުނުއިރު، 3 ވަނައަށް އެއްވެސް ދަރިވަރަކު ހޮވިފައެއްނުވެއެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.