ޚަބަރު

ރާއްޖޭގެ ދެ ސަރަހައްދެއްގައި ލައިޑަރ ޑިވައިސް ގާއިމުކުރުން

16 އޭޕްރިލް 2017

ވަރލްޑް ބޭންކުގެ އެސްމެޕް ރިސޯސް އެސެސްމަންޓް އެންޑް މެޕިންގ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ޒެފިރް ލައިޑަރ (ލައިޓް ޑިޓެކްޝަން އެންޑް ރޭންޖިންގ) ޑިވައިސް ގާއިމުކޮށްފިއެވެ. އެސްމެޕް ޕްރޮޖެކްޓަކީ ވަރލްޑް ބޭންކުން އިސްނަގައިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްބާރުލުމާއިއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް ޚަރަދުކުރަނީ އެނަރޖީ ސެކްޓަރ މެނޭޖްމަންޓް އެސިސްޓެންޓް ޕްރޮގްރާމް (އެސްމެޕް) އަދި ޢޭޝިއާ ސަސްޓެއިނެބަލް އެންޑް އަލްޓަރނޭޓިވް އެނަރޖީ ޕްރޮގްރާމް (އެސްޓައި) ގެ ފަރާތުންނެވެ. މި މަޝްރޫއު ތަންފީޒުކޮށްފައިވަނީ ޑީ.އެން.ވީ ޖީ.އެލް ކިޔާ ކުންފުންޏަކުންނެވެ.

ލައިޑަރ ޑިވައިސް ގާއިމުކޮށްފައިވަނީ ހއ. ހޯރަފުއްޓާއި ކ. ތުލުސްދޫގައެވެ. ހޯރަފުއްޓާއި މެދުރާއްޖެތެރޭގައި މި ޑިވައިސް ގާއިމުކުރީ ސެޓެލައިޓް ޑޭޓާ ދައްކާގޮތުން ރާއްޖޭގައި ވައިގެ މިންވަރު ބޮޑަށް ހުރީ މި ސަރަހައްދުތަކުގައި ކަމުގައިވާތީއެވެ. ޒެފިރް 300 އޮންޝޯރ ވިންޑް ލައިޑަރ އަކީ ރިމޯޓު ސެންސިންގ ޑިވައިސްއެކެވެ. މި ޑިވައިސް އިން ވިންޑް ސްޕީޑް އަދި ވިންޑް ޑައިރެކްޝަން ޕްރޮފައިލެއް އުފެއްދުމަށްޓަކައި ބިމުން ފެށިގެން 200 މީޓަރުގެ އުސްމިނާއި ހަމައަށް ލޭޒަރ ބޭނުންކޮށްގެން ސްކޭންކުރާނެއެވެ. މި ގޮތުން މިފަހަރު މިނެގޭ “ގްރައުންޑް-ބޭސްޑް) ޑޭޓާ ބޭނުންކުރާނީ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ނެރުނު ޑޭޓާތައް ވެލިޑޭޓްކުރުމަށެވެ. ދިވެހިރާއްޖޭގެ ވިންޑް ރިސޯސް އެސެސްމަންޓް އެޓްލަސެއެއް ތައްޔާރުކުރުމަށް މި ޑޭޓާ ބޭނުންކުރޭވެނެއެވެ.

ލައިޑަރ ޑިވައިސް ގާއިމުކުރުމަށްފަހު ޑީއެންވީ.ޖީއެލް ގެ ފަރާތުން ވަނީ ލައިޑަރ މަސައްކަތްކުރާނެ ގޮތުގެ ޓްރެއިނިންގއެއް ނަގާދީފައެވެ. މި ޓްރެއިނިންގގައި ބައިވެރިވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުންނެވެ.