ޚަބަރު

ބ. އޭދަފުށި އަދި ތ. ވިލިފުށީގައި ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

19 އޭޕްރިލް 2017

އެކަށީގެންވާ ބޯފެނުގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ބ. އޭދަފުށި އަދި ތ. ވިލިފުށީގައި ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އެއްބަސްވުމުގައި މި މިނިސްޓްރީއާއި ސެނޮކް ޓްރޭޑް ކޮމްބައިން (ޕްރައިވެޓް) ލިމިޓެޑާ ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ސެނޮކް ޓްރޭޑް ކޮމްބައިން (ޕްރައިވެޓް) ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ (ޓެކްނިކަލް) މިސްޓަރ ޖީ.އޭ.އެމް. ސުމަނަސޭކަރަ އެވެ.

އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫޢު ސެނޮކް ޓްރޭޑް ކޮމްބައިން (ޕްރައިވެޓް) ލިމިޓެޑްއާ ޙަވާލު ކުރެވިފައިވަނީ 74,384,194.08 (ހަތްދިހަ ހަތަރު މިލިއަން ތިން ސަތޭކަ އަށްޑިހަ ހަތަރު ހާސް އެއް ސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ އަށް ލާރި) އަށެވެ.

މިމަޝްރޫޢުގެ ދަށުން ބ. އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމުކުރެވޭނެއެވެ. އަދި 192 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ. އަދި ވިލިފުށީގައި 11 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމުކުރެވި، 156 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ.

މި މަޝްރޫޢު ނިމޭއިރު ބ. އޭދަފުށި އަދި ތ. ވިލިފުށީގައި ބޯފެނުގެ ޚިދުމަތް ޤާއިމުވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ގުޅާ ދެވޭނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 07 މަސް ދުވަހެވެ.