ޚަބަރު

އައްޑޫސިޓީ ހުޅޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

28 އޭޕްރިލް 2017

އައްޑޫސިޓީ ހުޅޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ސ. ހުޅުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. މި މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޙަވާލުކޮށްފައިވަނީ އާރ. އާރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫޢުގެ ދަށުން ސ.ހުޅުދޫގެ ގިރާ ސަރަޙައްދުގައި 1.3 ކިލޯމީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ޤާއިމްކުރެވިގެންދާނެ އެވެ. މިތޮއްޓަކީ ސ.ހުޅުދޫގެ ދެކުނުފަރާތުގައި 2008 ވަނަ އަހަރު ޖަހާފައިވާ 450 މީޓަރުގެ ތޮއްޓާއި ގުޅޭ ގޮތަށް އުތުރަށް 1.3 ކިލޯމީޓަރަށް ހެދިގެންދާނެ ތޮއްޓެކެވެ. އަދި މި މަސައްކަތުގެ ތެރޭގައި ކުރީގައި ޖަހާފައިވާ ތޮށި މަރާމާތުވެސް ކުރެވިގެންދާނެއެވެ.

މި މަޝްރޫޢުއާއެކު މިހާރު ކުރިޔަށްދާ މަޝްރޫޢުތަކުން ޖުމްލަ 5.4 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެއެވެ. މި މަޝްރޫޢުތަކަށް 119.4 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ.

2013 ވަނަ އަހަރުން ފެށިގެން މިއަދާހަމަޔަށް ހުޅުމާލޭގައި ހިމާޔަތްކުރެވުނު 6 ކިލޯމީޓަރާއި އެއްކޮށް ޖުމްލަ 14.2 ކިލޯމީޓަރުގެ ގޮނޑުދޮށް ވަނީ ހިމާޔަތް ކުރެވިފައެވެ. އަދި މި މަޝްރޫޢުތަކަށް ވަނީ ޖުމްލަ 390.1 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައެވެ.