ޚަބަރު

ސ. ހިތަދޫ އުތުރާއި ދެކުނުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

29 އޭޕްރިލް 2017

ސ. ހިތަދޫ އުތުރާއި ދެކުނުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. އެންމެނަށް ރައްކާތެރި ނަރުދަމާ ޔަޤީން ކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިކަމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާއި ޙަވާލުކޮށްގެންނެވެ. އެގޮތުން މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 08 ސެޕްޓެމްބަރ 2016 ގައެވެ. މި މަޝަރޫޢުއަކީ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝަރޫޢުއެކެވެ. މި މަޝްރޫޢުގެ އަގަކީ 109,143,441.60 ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން ސ. ހިތަދޫގެ އުތުރުގައި 7.87 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އަދި ސ. ހިތަދޫގެ ދެކުނުގައި 24.59 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ސ. ހިތަދޫގެ އުތުރާއި ދެކުނުގައި ނަރުދަމާގެ ޚިދުމަތް ޤާއިމުވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބިސީތަކާއި މުއްއްސަސާތަކަށް ނަރުދަމާގެ ޚިދުމަތް ގުޅާދެވޭނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 2018 ގެ ޖަނަވަރީ މަހުގައެވެ.