ޚަބަރު

ސ. ހުޅުދޫއާއި ސ. މީދޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފި

30 އޭޕްރިލް 2017

ސ. ހުޅުދޫއާއި ސ. މީދޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. މި ދެ ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. އެގޮތުން މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 16 ފެބްރުއަރީ 2917 ގައެވެ. މި މަޝްރޫޢުއަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 113,916,899.80 ދިވެހި ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން 31.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކުރެވޭނެއެވެ. އަދި 1885 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ސ. ހުޅޫދޫއާއި ސ. މީދޫގައި ނަރުދަމާގެ ޚިދުމަތް ޤާއިމުވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބިސީތަކާއި މުޢައްސަސާތަކަށޤ ނަރުދަމާގެ ޚިދުމަތް ގުޅާދެވޭނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 2018 ގެ މާރިޗު މަހެވެ.