ޚަބަރު

ފުވައްމުލައް ސިޓީގެ ވޭސްޓް މެނޭޖްމަންޓް ނިޒާމް ހިންގާ ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ޙަވާލުކޮށްފި

17 މެއި 2017

ފުވައްމުލައް ސިޓީގެ ވޭސްޓް މެނޭޖްމަންޓް ނިޒާމް ހިންގާ ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ޙަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު މުއީނެވެ. މި އެމް.އޯ.ޔޫގެ މައިގަނޑު މަޤްސަދަކީ ފުވައްމުލައް ސިޓީގައި އުފައްދަމުންދާ ކުނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން ވެމްކޯ ގެ ޒިންމާތައް ކަމުގައި ކަނޑައަޅާފައިވަނީ ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތުތަކާއި އެއްގޮތަށް ފުވައްމުލައް ސިޓީގައި ދެމެހެއްޓެނިވިގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް އެނިޒާމް ވިޔަފާރި އުޞޫލުން ހިންގާ ބެލެހެއްޓުމެވެ. އަދި ފުވައްމުލަކުގެ ހުރިހާ ގެތަކުންނާއި ވިޔަފާރި ކުރާ ތަންތަނުން އުފައްދާ ކުނި ކަނޑައެޅިފައިވާ ތާވަލެއްގެ ދަށުން ނަގާ، ވޭސްޓް މެނޭޖްމަންޓް ސައިޓަށް ގެންގޮސް ރަނގަޅުގޮތުގައި ކުނި މެނޭޖްކުރުންވެސް ވެމްކޯގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.