ޚަބަރު

ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގެ ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލު ކޮށްފި

21 ޖޫން 2017

އެކަށީގެންވާ ބޯފެނުގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގައި ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އެއްބަސްވުމުގައި މި މިނިސްޓްރީއާއި މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ފަޒުލް ރަޝީދެވެ. އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫޢު މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލު ކުރެވިފައިވަނީ 99,089,166.00 (ނުވަދިހަ ނުވަ މިލިއަން އަށްޑިހަ ނުވަހާސް އެއް ސަތޭކަ ފަސްދޮޅަސް ހަރުފިޔާ ރުފިޔާ) އަށެވެ.
މިމަޝްރޫޢުގެ ދަށުން ހއ.ހޯރަފުށީގައި 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވޭނެއެވެ. އަދި 78 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ. އަދި ހދ. ހަނިމާދޫގައި 16 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވި، 84 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ.
މި މަޝްރޫޢު ނިމޭއިރު ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގައި ބޯފެނުގެ ޚިދުމަތް ޤާއިމްވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުޢައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ގުޅާ ދެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 16 މަސް ދުވަހެވެ.