ޚަބަރު

ކ.ހިންމަފުށި، ކ.ތުލުސްދޫ އަދި ހދ.ނޮޅިވަރަންފަރު ގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ޙަވާލުކޮށްފި

20 ޖުލައި 2017

އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކ.ހިންމަފުށި، ކ.ތުލުސްދޫ އަދި ހދ.ނޮޅިވަރަންފަރު ގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމަށް އެއްބަސްވުމުގައި މި މިނިސްޓްރީއާއި ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ދެމެދު މިއަދު ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް ޑިރެކްޓަރ ޖޭ.އޭ.ސީ ޕްރަބާޝް އެވެ.

ދައުލަތުގެ ބަޖެޓުންނާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ ލޯން އެހީއިން ޚަރަދުކޮށްގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލު ކުރެވިފައިވަނީ 135,937,197.43 (ސަތޭކަ ތިރީސްފަސް މިލިއަން ނުވަސަތޭކަ ތިރީސް ހަތްހާސް އެއްސަތޭކަ ނުވަދިހަ ހަތް ރުފިޔާ ސާޅީސް ތިން ލާރި) އަށެވެ.

އައިޑީބީ ލޯނުގެ އެހީގެ ދަށުން ނަރުދަމާ ޤާއިމްކުރުމަށް ހަމަޖެހިފައިވާ 5 ރަށެއްގެ ތެރެއިން، ކ.ހިންމަފުށި، ކ.ތުލުސްދޫ އަދި ހދ.ނޮޅިވަރަންފަރުގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިޢުލާނު ކުރެވިފައިވަނީ 12 ޑިސެންބަރު2016 ގައެވެ. އަދި 8 މާރިޗު 2017ގައި ވަނީ ބިޑްއިވެލުއޭޝަންނިމި ފަންޑިންގެ އެޖެންސީއަށް ނޯއޮބްކެޖެކްޝަނަށް ފޮނުވިފައެވެ. އިވެލުއޭޝަން ރިޕޯޓަށް ނޯ އޮބްޖެކްޝަން ލިބިމަށްފަހު ބިޑް ކާމިޔާބު ކުރިފަރާތަށްވަނީ 20 ޖުން 2017ގައި އެވޯޑް ލެޓަރ ހަވާލުކުރެވިފައެވެ.

މި މަޝްރޫޢަށް ފައިސާ ހަމަޖެހުމަށްފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގް އެޖެންސީ ގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިންނެވެ. މިގޮތުން މި މަޝްރޫޢުގެ ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮންސަލްޓަންޓުންނާއި ހަވާލު ކުރެވިފައިވަނީ 2015ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ ތެރޭގައި ރިޔަން ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑް އާއެވެ. އަދި ކޮންސަލްޓަންޓް ވަނީ 9 ސެޕްޓެންބަރު 2016ގައި ޑީޓައިލް ޑިޒައިންގެ މަސައްކަތްތައް ނިންމާފައެވެ. އަދި ޓެންޑަރ ޑޮކިއުމަންޓްވަނީ 26 ޖޫން 2016 ނިންމާ މިނިސްޓްރީއަށް ހަވާލުކުރެވިފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 468 ދުވަހެވެ.
މިމަޝްރޫޢުގެ ދަށުން ކ.ހިންމަފުށި، ކ.ތުލުސްދޫ އަދި ހދ.ނޮޅިވަރަންފަރު ގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއިއެކު މި ނިޒާމް ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އެއް ޤާއިމު ކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން މި ތިން ރަށުގެ މީހުންދިރިއުޅޭ ހުރިހާ ގޭބިސީތަކާއި މުއައްސަސާތަކަށް ނަރުދަ މާގެ ޚިދުމަތް ގުޅައިދެވޭނެއެވެ.