ޚަބަރު

ތިމާވެށީގެ ދުވަސް 2016 ފާހަގަކުރުމަށް ބާއްވާ ތިމާވެށީގެ ފެސްޓިވަލް ފެށިއްޖެ

3 ޖޫން 2016

މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އިން އިންތިޒާމުކޮށްގެން ދުނިޔޭގެ ތިމާވެށީގެ ދުވަސް (05 ޖޫން) ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވަން ފަށައިފިއެވެ.

މި ހަރަކާތްތަކުގެ މައިގަނޑު މަޤުސަދަކީ ތިމާވެށްޓާއި ގުޅޭ އެކިއެކި ދާއިރާތަކުން މީހުން ހޭލުންތެރިކަން އިތުރުކުރުމެވެ. އެގޮތުން ތިމާވެށި ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހަވީރު 4:00 ގައި ރަސްފަންނުގައި ފެށި ތިމާވެށީގެ ފެސްޓިވަލުގައި ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން، ސްކޫލްކުދިންނަށް އަމާޒުކޮށްގެން ކުރިއަށްދިޔަ ފޮޓޯގްރަފީ މުބާރާތުން ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް ހަނދާނީލިޔުމާއި އިނާމް ވަނީ ދީފައެވެ.

މީގެ އިތުރުން ތިމާވެށީގެ ހާލަތު ދައްކުވައި ދިނުމަށް ސްކޫލްކުދިން ކުރަހާފައިވާ ކުރެހުންތައް ޓައިލްސް އަށް ޕްރިންޓްކުރުމަށްފަހު ވަނީ ދައްކާފައެވެ.

އަދި މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭގޮތުން ކުރިއަށްގެންދާ އެނަރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން މި ރަސްމިއްޔާތުގައި ވަނީ އިފްތިތާހްކޮށްފައެވެ. މި މުބާރާތް ކުރިއަށްދާނީ ޖޫން ތިނަކުން ޖުލައި ހަތަރަކެށެވެ.
ރަސްފަންނުގައި ކުރިއަށްދާ ހަރަކާތްތަކުގައި ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތިމާވެށީގެ ދުވަހާއި ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ޔޫއެންޑީޕީ އާއި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކާއި އެމްއެންޑީއެފާއި ފުލުހުންނާއި ގިނަ ސްކޫލްތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް ބައިވެރިވެއެވެ. މީގެއިތުރުން ގައުމީ ޔުނިވަރސިޓީ އާއި ދިރާގުން ވެސް ބައިވެރިވެއެވެ.

މި ފެސްޓިވަލް ޖޫން 4 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.