ޚަބަރު

ނެޝަނަލް ބައޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މިއަދު އިފްތިތާޙުކޮށްފި

11 ޖޫން 2016

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން (އެންބީސެޕް) މިއަދު ލޯންޗުކޮށްފިއެވެ. މި ސްޓްރެޓެޖީ ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް އެނަވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އެންބީސެޕް އެކުލަވާލެވުނު މައިގަނޑު ސަބަބަކީ ދިވެހި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ފަދަ ދިރޭތަކެއްޗާއި މާޙައުލުތަކެއް ވާ ޤައުމަކަށް ވުމުން އެ ދިރޭތަކެއްޗާއި މާޙައުލުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ސީ.ބީ.ޑީ. ގެ ސްޓްރެޓެޖިކް ޕްލޭން އާއި އައިޗީ ޓަރގެޓް ޤައުމީ ފެންވަރުގައި ޙާސިލް ކުރުމެވެ. މިއީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީއާއެކު ލޯންޗުކުރެވުނު ސްޓްރެޓެޖީއެކެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަޔޯޑައިވާސިޓީގައި ރާއްޖެ ބައިވެރިވެފައިވަނީ 1993 ވަނަ އަހަރު ކަމަށާއި، އަދި 2002 ވަނަ އަހަރު ފުރަތަމަ އެންބީސެޕް ލޯންޗުކޮށްފައިވާ ކަމަށެވެ. އެ ޕްލޭންގައި އޮތީ ކުރަންޖެހޭ ބައެއް ސްޓްރެޓެޖީތައް އެކަނި ކަމަށެވެ. އަދި އެއްވެސް ކަހަލަ އެކްޝަން ޕްލޭނެއް ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސްޓްރެޓެޖިކް އެކްޝަން ޕްލޭން ދެބަޔަކަށް ބަހާލާފައިވާނެ ކަމަށާއި ފުރަތަމަ ބައިގައި ދިރޭ ތަކެތީގެ ނަސްލާ ގުޅޭގޮތުން އެކުލަވާލާގައިވާ ހަ ސްޓްރެޓެޖީއާ 26 ޓާގެޓު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކޮންމެ ޓާގެޓަކަށް އެކްޓިވިޓީތަކަކާއި، ޒިންމާ ނަގާނެ ފަރާތްތަކާއި، ޓާގެޓު ހާސިލްކުރެވުނތޯ ބަލާނެ އިންޑިކޭޓާ ތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. ދެވަނަ ބައިގައި މި ޓާގެޓްތައް އިމްޕްލިމަންޓް ކުރާނެ ގޮތްތަކާއި އެކަމަށް ބޭނުންވާނެ ވަސީލަތްތަކުގެ އަންދާޒާއެއް ކަނޑައަޅާފައިވާ ކަމަށެވެ.
ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތެރޭގައި އަލަށް ދެ ސަރަހައްދެއް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

20160605-nbsap-launching (2) 20160605-nbsap-launching (1)