ޚަބަރު

ފެނުގެ ޚިދުމަތުގެ ދާއިރާ ތަރައްޤީކުރުމަށް އެކުލަވާލެވިފައިވާ މަޝްރޫޢުގެ އިންސެޕްޝަން ވޯރކްޝޮޕް ފަށައިފި

7 އޯގަސްޓް 2017

04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކޮށް ފެނުގެ ޚިދުމަތުގެ ދާއިރާ ތަރައްޤީކުރުމަށް އެކުލަވާލެވިފައިވާ މަޝްރޫޢުގެ އިންސެޕްޝަން ވޯރކްޝޮޕް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް އާ ގުޅިގެން 7 އޮގަސްޓް 2017 އިން 9 އޮގަސްޓް 2017 އަށް ކުރިއަށް އެބަދެއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ޔޫ.އެން.ޑީ.ޕީ ގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ޤާއިމްކުރާ ރަށްތަކުގެ ކައުންސިލްތަކާއި ފެނުގެ ޚިދުމަތްދޭ ޔުޓިލިޓީ ކުންފުނިތަކާއި ޔޫ.އެން އޯގަނައިޒޭޝަންތަކާއި އަދި ފެނުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި އެކިއެކި މިނިސްޓްރީ ތަކުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިބައްދަލުވުން މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް އިބްރާހީމެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިޔަށްގެންދާނެގޮތާއި، މަޝްރޫޢުގެ އިދާރީ އޮނިގަނޑާއިބެހޭ ތަފްޞީލުތަކާއި، ޙާޞިލުކުރަން ބޭނުންވާ ނަތީޖާއާއި، ޢަމަލީ މަސައްކަތުގެ ފެންވަރު ބަލަހައްޓާނެގޮތާއި، މާލީކަންކަމާބެހޭ ތަފްޞީލުތައް ވޯކްޝޮޕްގެ ބައިވެރިންނާ ވަނީ ޙިއްސާ ކުރެވިފައެވެ. މީގެއިތުރުން މިމަޝްރޫޢު ތަންފީޒުކުރާ ވުޒާރާ ކަމުގައިވާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ މަސްއޫލިއްޔަތު ތަކާއި ބެހޭގޮތުން ވަނީ މަޝްވަރާތައް ކުރިއަށް ގެންދެވިފައެވެ.

އަދި މީގެއިތުރުން މިހިނގާ އޮގަސްޓް މަހުގެ ތެރޭގައި ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ސިޔާސަތާއި ބެހޭ މައުލޫމާތުތައް ޙިއްސާކުރެވި މިފަދަ ސިޔާސަތެއް އޮތުމުގެ މުޙިއްމު ކަމާއި މިސިޔާސަތުގެ ސަބަބުން ފެނާއި ނަރުދަމާގެ ދާއިރާއަށް ލިބިގެންދާނެ ކުރިއެރުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. އަދި ހަމަ އެހެންމެ މިމަޝްރޫޢުގެ ދަށުން ތަންފީޒުކުރާ ކަންތައްތައް މިސިޔާސަތުގެ ދަށުން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ގުޅުވާލުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުވާލެވުނެވެ.

މިމަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމު ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ރ.މަޑުއްވަރީ، ށ.ފޯކައިދޫ، ބ.ދަރަވަންދޫ އަދި ހދ.ނޮޅިވަރަންފަރު ގައެވެ. މީގެ އިތުރުން ރާއްޖޭގެ 45 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމު ޤާއިމްކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރެވޭނެއެވެ. އޭގެ ތެރޭގައި ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވުމާ، މިދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މިދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނެއެވެ.

މި މަޝްރޫޢު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް) ގެ ހިލޭ އެހީގެ ދަށުންނެވެ. މިގޮތުން މިމަޝްރޫޢަށް ޖީ.ސީ.އެފް އިން 23,636,000.00 (ތޭވީސް މިލިއަން ހަސަތޭކަ ތިރީސް ހަ ހާސް) ޔޫ.އެސް ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިމަސައްކަތް ޖީސީއެފްގެ ފަރާތުން ޔޫއެންޑީޕީ އާއި ޙަވާލުކޮށްފައިވަނީ 2,127,272.76 ޔޫއެސް ޑޮލަރު ( ގާތްގަނޑަކަށް 33 މިލިއަން ދިވެހިރުފިޔާ) ގެ ފީއެއް ޔޫއެންޑީޕީއަށް ހަމަޖައްސައިދިނުމަށްފަހުގައެވެ. މިގޮތުން ޤާއިމްކުރެވޭ ޕްރޮޖެކްޓުގެ އިދާރީ ޔުނިޓުގެ ދަށުން މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދާއިރު މަޝްރޫޢުގެ ކަންކަން ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ކުރިޔަށްގެންދޭތޯ ބެލުމާއި، މާލީ ކަންކަން ބެލެހެއްޓުމާއި، މަޝްރޫޢާއިގުޅޭގޮތުން ޖީސީއެފްއަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުމުގެ ދައުރު ޙަވާލުކުރެވިފައިވަނީ ޔޫއެންޑީޕީއާއިއެވެ.

މި މަޝްރޫޢުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ރ.މަޑުއްވަރީ، ށ.ފޯކައިދޫ، ހދ.ނޮޅިވަރަންފަރު އަދި ބ.ދަރަވަންދޫ ފެނުގެ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ސުޕަރވައިޒް ކުރުމަށް ކޮންސަލްޓެންޓަކާއި ވަނީ ޙަވާލު ކުރެވިފައެވެ. މި 4 ރަށުގެ ޑިޒައިން މަސައްކަތް މިހިނގާ އޯގަސްޓްމަހުގެ ނިޔަލަށް ނިންމާ ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ސެޕްޓެމްބަރ މަހުގެ ތެރޭގައި އިޢުލާނު ކުރެވޭނެއެވެ. މީގެ އިތުރުން 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ސުޕަރވައިޒް ކުރުމަށް ޑިޒައިން ކޮންސަލްޓަންޓް ވަނީ ޢައްޔަންކުރެވިފައެވެ.

މި މަޝްރޫޢުގެތެރޭގައި ހިމެނޭ 4 ރަށުގެ ފެނުގެ ނިޒާމު ޤާއިމްކުރުމާއި 45 ރަށުގައި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް 2018 ވަނައަހަރުގެ ނިޔަލަށް ނިމޭނެކަމަށް ލަފާކުރެވެއެވެ. އަދި ފެނުގެ ޚިދުމަތުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތް 2021 ވަނަ އަހަރުގެ ނިޔަލަށް ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.