ޚަބަރު

މާލެއާއި ހުޅުމާލެއާ ދެމެދު ޤާއިމުކުރާ އިންޓަކަނެކްޝަން ގްރިޑުގެ ކޮންސަލްޓަންސީ މަސައްކަތް ބަޔަކާ ޙަވާލުކުރެވިއްޖެ

27 ޖޫން 2016

ކަރަންޓުގެ ޚިދުމަތް އެންމެހާ ރައްޔިތުންނަށް ޔަޤީން ކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދެވެނީ މައިގަނޑު ދެ އަމާޒަކަށެވެ. އެއީ އިޢާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރު ކުރުމާއި ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތަކުގެ އެފިޝަންސީ އިތުރު ކުރުމެވެ. މިގޮތުން މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިޔުގަ ގުޅުވާލުމުގެ މަޝްރޫޢަކީ މި ދެއަމާޒަށް ވާޞިލުވުމަށް ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގައި މިވަގުތު ޤާއިމް ކުރެވިފައިވާ އެންމެ ބޮޑު ދެ ކަރަންޓުވިޔުގަ ގުޅުވާލުމުން މި ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ހޭދަ އިތުރަށް ދަށްކުރެވި މި ދެރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ކަރަންޓުގެ ޔަޤީންކަން އިތުރު ވެގެންދާނެއެވެ.

މާލެއާއި ހުޅުމާލޭގެ ކަރަންޓުވިއުގަ ގުޅުވާލުމުގެ މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓު އެންޑް އެނަރޖީ އިން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް މިއަހަރަށް ޚަރަދުކުރުމަށް ބޭނުންވާ ފައިސާ 2016 ވަނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމެނިފައެވެ.

މިއަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި ބޭއްވުނީ މާލެއާއި ހުޅުމާލޭގެ ކަރަންޓުވިއުގަ ގުޅުވާލުމަށް ހަދަންޖެހޭ ޑިޒައިންތަކާއި ޓެންޑަރ ޑޮކިއުމަންޓު ތައްޔާރު ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގެ ރަސްމިއްޔާތެވެ. މި މަސައްކަތް ހަވާލުކުރެވުނީ އިގިރޭސިވިލާތުގެ ސީމަންސް ކުންފުންޏާއެވެ. މި މަސައްކަތް ހަވާލުކުރުމާއިގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބްލް ޠާރިޤް އިބްރާހިމް އެވެ. މަސައްކަތާއި ހަވާލުވި ކުންފުނި ކަމުގައިވާ ސީމަންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލަރ މރ.މާރކް ލޫން އެވެ. މިމަސައްކަތް ސީމަންސް ކޮމްޕެނީ ލިމިޓެޑާއި އާއި ހަވާލުކުރެވިފައިވަނީ 369,051 ( ތިންލައްކަ ފަސްދޮޅަސް ނުވަހާސް ފަންސާސް އެކެއް) އެމެރިކާ ޑޮލަރަށެވެ.

މި އެއްބަސްވުމުގެ ދަށުން މާލެއާއި ހުޅުމާލޭގެ ކަރަންޓުވިއުގަ ގުޅުވާލުމުގެ މަސައްކަތަށް ބޭނުންވާ ޑިޒައިންތަކާއި ޓެންޑަރ ޑޮކިއުމަންޓު 2016 ވަނައަހަރުގެ އޮކްޓޯބަރގެ ނިޔަލަށް ނިންމަންޖެހޭނެއެވެ. މި މަސައްކަތް ނިމުމާއި އެކު މާލެއާއި ހުޅުމާލޭގެ ކަރަންޓުވިއުގަ ގުޅުވާލުމުގެ ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބިޑަށް ހުޅުވާލެވޭނެއެވެ.

މާލެއާއި ހުޅުމާލޭގެ ކަރަންޓުވިއުގަ ގުޅުވާލުމަށް ހަމަޖެހިފައިވަނީ މި ދެރަށްގުޅުވައިދޭ ބްރިޖް މަތިންއަޅާ ހައިވޯލްޓޭޖް ކޭބަލެއް މެދުވެރިކޮށެވެ. މި ކޭބަލްއާއި އަދި މިއާއި ގުޅިގެން ބެހެއްޓޭ ސަބްސްޓޭޝަންތަކުގެ ސަބަބުން މާލެއާއި ހުޅުމާލެއަށް ކަރަންޓުދިނުމަށް ޤާއިމްކުރެވިފައިވާ ވަސީލަތްތަކަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ބްރިޖްގެ މަސައްކަތްނިމި ބޭނުންކުރަންފަށާއިރު މާލެއާއި ހުޅުމާލެއަށް އެއްވިއުގަ އަކުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމެވެ.