ޚަބަރު

ށ. މިލަންދޫ އާއި ރ. އުނގޫފާރުގެ ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ޙަވާލުކޮށްފި

22 އޯގަސްޓް 2017

އެކަށީގެންވާ ބޯފެނުގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ށ. މިލަންދޫ އަދި ރ.އުނގޫފާރުގެ ބޯފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އެއްބަސްވުމުގައި މި މިނިސްޓްރީއާއި މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ސަޙީލް ޖަލީލެވެ.

މި މަޝްރޫޢަށް ފަންޑު ކޮށްދެއްވަނީ އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިންނާއި ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. އޮފިޑުގެ ލޯނު އެގްރީމެންޓުގައި ސޮއިކުރެވިފައިވަނީ 3 ޖުލައި 2015 ގައެވެ. މި މަޝްރޫޢު ޑިޒައިން ކުރުމުގެ މަސައްކަތް ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ ގްރީންޓެކް ކޮންސަލްޓެންޓްސް އާއި ޙަވާލުކުރެވުނީ 6 ސެޕްޓެމްބަރ 2015ގައެވެ.

އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫޢު މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލު ކުރެވިފައިވަނީ 87,956,026.93 (އަށްޑިހަ ހަތް މިލިއަން ނުވަސަތޭކަ ފަންސާސް ހަހާސް ސައްބީސް ރުފިޔާ ނުވަދިހަ ތިންލާރި) އަށެވެ.

މި މަޝްރޫޢުގެ ދަށުން 10 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބ. އޭދަފުށި އަދި ތ. ވިލިފުށީގެ މަސައްކަތުގެ އެއްބަސްވުމުގައި ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ، ސެނޮކް ޓްރޭޑް ކޮމްބައިން (ޕްރައިވެޓް) ލިމިޓެޑްއާ ޙަވާލު ކުރެވިފައިވަނީ 19 އެޕްރީލް 2017 ގައެވެ. މި ދެރަށުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ. އަދި ތ. ގުރައިދޫ، ގއ. ވިލިނގިލި އަދި ދ. ކުޑަހުވަދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ، ޖޮއިންޓް ވެންޗަރ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާއި ޙަވާލު ކުރެވިފައިވަނީ 04 މެއި 2017ގައެވެ. މި ފެށޭ ސެޕްޓެމްބަރ މަހުތެރޭގައި މި ރަށްރަށުގެ މަސައްކަތް ފެށޭނެއެވެ. މީގެ އިތުރަށް ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގެ ފެނުގެ ނިޒާމްގެ މަސައްކަތް މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލު ކުރެވިފައިވަނީ 21 ޖޫން 2017ގައެވެ. މި ދެރަށުގެ މަސައްކަތްވެސް މި ފެށޭ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށޭނެއެވެ. އަދި މިއަދު ސޮއިކުރެވޭ ދެ ރަށާއިއެކު މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ޤާއިމް ކުރުމަށް ހަމަޖެހިފައިވާ 10 ރަށުގެ މަސައްކަތް ޙަވާލުކުރެވި ނިމުނީއެވެ.

މިމަޝްރޫޢުގެ ދަށުން ށ.މިލަންދޫގައި 29 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވޭނެއެވެ. އަދި 82 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ. އަދި ރ.އުނގޫފާރުގައި 08 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވި، 86 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓޭނެއެވެ.

މި މަޝްރޫޢު ނިމޭއިރު ށ.މިލަންދޫ އަދި ރ.އުނގޫފާރުގައި ބޯފެނުގެ ޚިދުމަތް ޤާއިމްވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުޢައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ގުޅާ ދެވޭނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 16 މަސް ދުވަހެވެ.