ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުދި ޤައުމުތަކަށް ކުރިމަތިވާ ޚާއްޞަ މައްސަލަތަކާ ބެހޭގޮތުން މިނިސްޓަރ އޮފް ސްޓޭޓް ޢަބްދުﷲ މަޖީދު ވާހަކަފުޅު ދައްކަވައިފި

10 ޖުލައި 2016

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުދި ޤައުމުތަކަށް ކުރިމަތިވާ ޚާއްޞަ މައްސަލަތަކާ ބެހޭގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަބްދުﷲ މަޖީދު ވާހަކަފުޅު ދައްކަވައިފިއެވެ. މި ހިނގާ ޖުލައި މަހުގެ 08 ވަނަ ދުވަހުން ފެށިގެން 09 ޖުލައި 2016 ގެ ނިޔަލަށް ފަރަންސޭސިވިލާތުގެ ޕެރިހުގައި ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ވަޒީރުންގެ ފެންވަރުގައި ބާއްވަމުންދާ “ޑަބްލިއު.އެޗް.އޯ ސެކަންޑް ގްލޯބަލް ކޮންފަރެންސް އޮން ހެލްތް އެންޑް ކްލައިމެޓް” ގައި މަޖީދު ދެއްކެވި ވާހަކަފުޅުގައި ފަހަކަށް އައިސް ޠޫފާންތައް އިތުރުވެ އަދި ބާރުގަދަ ވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން މީހުންގެ ފުރާނައާއި މުދަލަށް ލިބޭ ގެއްލުނެތަކުގެ ނިސްބަތްވެސް އިތުރުވެފައިވާކަން އެމަނިކުފާނު ވަނީ ބަޔާންކުރައްވާފައެވެ. މިދިޔަ އަހަރު ޚާއްޞަކޮށް މިހާރު ޤައުމުތަކުން ތަޞްދީޤު ކުރަމުންދާ “ޕެރިސް އެގްރީމެންޓް” ގެ ދަށުން ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް މީހުން ބިނާކުރުމާއި، ޓެކްނޮލޮޖީ އަދި މާލީ އެހީތެރިކަން ބޭނުންވާކަމަށްވެސް މަޖީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.