ޚަބަރު

އޭއޯސިސް ޤައުމުތަކުގެ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރުންގެ ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފްތިތާޙް ކޮށްދެއްވައިފި

10 އޮކްޓޯބަރ 2017

ދިވެހިރާއްޖެއިން އިސްނަގައިގެން ކުދި ޖަޒީރާ އަދި ބިންތިރި ޤައުމުތަކުގެ މެދުގައި އުފައްދައިފައިވާ އިނިޝިއޭޓިވް ފޯ ރިނިއުއަބަލް އައިލެންޑް އެނާޖީ (އައިރީ) ގެ ވަޒީރުންގެ ފުރަތަމަ ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮނަރަބަލް ޢަބްދުﷲ ޖިހާދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްގެންދާ މި ބައްދަލުވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒިރުންނާއި އަދި ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި ބޭރުގެ މަންދޫބުން ވަނީ ބައިވެރިވެއެވެ. މި ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އޭއޯސިސްގެ މުހިއްމު ކަމަށް އަލިއަޅުއްވާއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޕެރިސް އެގްރީމަންޓް ވުޖޫދަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެއްބަޔަކީ އޭއޯސިސް ކަމަށެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުވަމުންދާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި މިނިސްބަތް އިތުރުކުރުމަކީ ސަރުކާރުގެ ތަސައްވުރެއްކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އޮނަރަބަލް ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަކީ ހަކަތަ އުފެއްދުމަށް ތެލަށް ކުރާ ހޭދަ ނިސްބަތުން އެންމެ ބޮޑު ޤައުމުތައްކަމަށެވެ. ނަމަވެސް މިފަދަ ޤައުމުތަކަކީ ހަކަތައިގެ ނިޡާމް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ފުރުސަތު އެންމެ ބޮޑު ޤައުމުތައް ކަމަށެވެ.

އޭއޯސިސްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން މި މިނިސްޓްރީގެ އިސްނެގުމަކަށް ބާއްވާ މި ބައްދަލުވުމަކީ އޭއޯސިސް އާއި އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އާއި ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މޫސުމީ ބަދަލުތަކާއި ކާބަންމަދު އިޤްތިސާދު ތަކަކަށް ހެދުމަށް ޤައުމުތަކުގެ މެދުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގެ ޒަރިއްޔާއިން އޭއޯސިސްގެ ޤައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ، ފަންނީ އަދި މީހުން ބިނާކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރެވޭނެއެވެ.

މީގެ އިތުރުން މިއަހަރުގެ ނޮވެމްބަރ މަހު ގަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމާއިބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުން ކޮންފަރަންސް އޮފް ދަ ޕާޓީސް ގެ 23 ވަނަ ބައްދަލުވުމުގައި އޭއޯސިސްގެ ޤައުމުތަކުން ހުށަހަޅާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.