ޚަބަރު

ރައީސުލްޖުމްހޫރީއްޔާ ރ. މަޑުއްވަރީގެ ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވައިފި

24 އޮކްޓޯބަރ 2017

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރ. މަޑުއްވަރީގެ ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވައިފިއެވެ. އެ މަނިކުފާނު މިކަން އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ރ. މަޑުއްވަރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރެވިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާ ޙަވާލުކޮށްގެންނެވެ.

މަޑުއްވަރީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 20 ޑިސެމްބަރު 2014 ގައެވެ. އަދި މި މަސައްކަތް ނިމިފައިވަނީ 04 ޖޫން 2016 ގައެވެ. މި މަޝްރޫޢުގެ ދަށުން 02 ޕަމްޕް ސްޓޭޝަނާއި 8.7 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި ނަޖިސް ބޭރުކުރުމަށްޓަކައި ރަށުގެ އެއްގަމު ތޮށިން ފެށިގެން 226 މީޓަރުގެ ދުރު ރާސްތާއަކަށް ސީ އައުޓްފޯލް ހޮޅިވަނީ އަޅާފައެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގި މި މަޝްރޫޢުގެ ޖުމްލަ އަގަކީ 49,967,811.83 (ސާޅީސް ނުވަ މިލިޔަން ނުވަސަތޭކަ ފަސްދޮޅަސް ހަތްހާސް އައްސަތޭކަ އެގާރަ ރުފިޔާ އައްޑިހަ ތިން ލާރި) ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢުގެ ސަބަބުން މަޑުއްވަރީގެ 351 ގެއަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި ނަރުދަމާގެ ނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި ނިޒާމު ހިންގާ ބަލަހައްޓާނީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުންނެވެ.