ޚަބަރު

ރައީސުލްޖުމްހޫރީއްޔާ ރ. ފައިނުގެ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމުގެ ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވައިފި

24 އޮކްޓޯބަރ 2017

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރ. ފައިނުގެ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމުގެ ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވައިފިއެވެ. ރައީސް މިކަން އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ރ. ފައިނުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތް އެމްޓީސީސީ އާއި ޙަވާލުކުރީ 12 މެއި 2016 ގައެވެ. މި މަސައްކަތުގެ ޢަމަލީ މަސައްކަތެ ފަށާފައިވަނީ 09 މާރިޗް 2016 ގައެވެ. އަދި މި މަސައްކަތް ނިމިފައިވަނީ 20 ސެޕްޓެމްބަރު 2016 ގައެވެ.

މި މަޝްރޫޢުގެ ދަށުން 155 މީޓަރު ބޮޑުހިލައިގެ ރިވެޓްމެންޓެއް ވަނީ ޤާއިމުކުރެވިފައެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ޖުމްލަ އަގަކީ 4,923,019.48 ދިވެހި ރުފިޔާއެވެ.