ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ރ. މީދޫގެ ފެނުގެ ނިޒާމު އިފްތިތާޙްކޮށްދެއްވައިފި

24 އޮކްޓޯބަރ 2017

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ރ. މީދޫގެ ފެނުގެ ނިޒާމު އިފްތިތާޙްކޮށްދެއްވައިފިއެވެ. އެ މަނިކުފާނު މިކަން އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ރ. މީދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މާލެ ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 07 ފެބްރުއަރީ 2016 ގައެވެ. އަދި މި މަސައްކަތް ނިމިފައިވަނީ 24 ސެޕްޓެމްބަރު 2017 ގައެވެ. މި މަޝްރޫޢުގެ ދަށުން 40 ތަނުގެ 02 ޑީސެލިނޭޝަން ޕްލާންޓް ވަނީ ބަހައްޓާފައެވެ. އަދި މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 80 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން މި ނިޒާމަށް ވަނީ ލިބިފައެވެ. މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 500 ޓަނުގެ ތާނގީއެއް ވަނީ ބަހައްޓާފައެވެ. އަދި 11.13 ކިލޯމީތަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ވަނީ ޤާއިމުކޮށްފައެވެ.

މި މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް މީދޫގައި ޤާއިމުކޮށް 447 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ވަނީ ބަހައްޓާފައެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އަގަކީ ޖުމްލަ 30,836,226.25 (ތިރީސް މިލިއަން އަށް ސަތޭކަ ތިރީސްހަ ހާސް ދުއިސައްތަ ސައްބީސް ރުފިޔާ ފަންސަވީސް ލާރި) ރުފިޔާ އެވެ.

ފެނުގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މިނިޒާމު ހިންގާ ބަލަހައްޓާނީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުންނެވެ.