ޚަބަރު

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުދި ގައުމުތަކަށް އޮތް އެއްމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް – މިނިސްޓަރ ޠާރިޤް

18 ޖުލައި 2016

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުދި ގައުމުތަކަށް އޮތް އެއްމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޠާރިޤު މިހެންވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމާއި ބެހޭ ގޮތުން އދ. އިން ބާއްވާ މަތީ ފެންވަރުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ޠާރިޤު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތްކުރުމަކީ ރާއްޖޭން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ގެނައުމަށްޓަކައި ކުދި ގައުމުތަކަށް ނިސްބަތުން ކުރެވޭނެ ކަންތައްތައް މަދުކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ގޮތުން ރާއްޖޭން ކުރަމުންދާ މަސައްކަތަށް ބައްލަވާލައްވާފައެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑީތައް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ފަށާއިފައިވާ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ މެނިފެސްޓޯ އާއި އެކި ދާއިރާތކުގައި ހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ގުޅުންހުރި އަމާޒްތައް ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން 70 ޕަސެންޓް އަމާޒުތަކަކީ އެކިދާއިރާތަކުން މިހާރު ވެސް ހާސިލްކުރަން ކަނޑައަޅާފައިވާ އަމާޒްތަކެއް ކަމަށް މިނިސްޓަރ ޠާރިގު ވިދާޅުވިއެވެ.

” މިހާރު ވަނީ ދެމެހެއްޓެނި ތަރައްގީގެ ލަނޑުދަނޑިތަކާއި ބެހޭ ގޮތުން ގައުމީ ލެވެލްއެއްގައި މަޝްވަރާތައް ބާއްވާފައި. މި މަޝްވަރާތަކުގައި ކަމާއިގުޅޭ ހުރިހާ ދާއިރާތަކުންނާއި އެހީދޭ ފަރާތްތަކުން ބައިވެރިވި” މިނިސްޓަރ ވިދާޅުވިއެވެ.

ދެމެހެއްޓެނި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އެއްމެ މުހިއްމު އެއްކަމަކީ ސަރުކާރުގެ އިދާރާތަކުގެ މެދުގައި ކޯޑިނޭޝަން ރަނގަޅުކުރުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވަމުންދާ މިންވަރު ބެލުމަށް މިނިސްޓީރިއަލް ކޮމިޓީ އެއް އެކުލަވާލާފައިވާ ކަމަށް ޠާރިޤު ވިދާޅުވިއެވެ. އަދި ކަމާއިގުޅޭ ހުރިހާ މިނިސްޓްރީތަކުންނާއި އަމިއްލަ ފަރާތްތަކާއި ޖަމްއިއްޔާ ޖަމާއަތްތަށް ހިމެނޭ ގޮތަށް ޓެކްނިކަލް ކޮމިޓީ އެއް އެކުލަވާލާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ، 2000 ވަނަ އަހަރު ފާސްކުރެވުނު ސާސްކަފްގެ ތަރައްޤީގެ ލަނޑުދަނޑިތަކުގެ މުއްދަތު 2015 އަށް ހަމަވުމާގުޅިގެން އެކުލަވާލެވުނު އައު ލަނޑުދަނޑިތަކެކެވެ. ވިހިތިރީހުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި 17 ލަނޑުދަނޑި ހިމެނެއެވެ. ސާސްކަފްގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމުގައި ވެސް ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތައް ހޯދައި، ދެކުނު އޭޝިއާގައި ވެސް އެންމެ ބޮޑު ކާމިޔާބު ހޯދި ޤައުމުގެ ފަޚްރު ހާސިލްކޮށްފައެވެ.