ޚަބަރު

މިނިސްޓަރ ޠާރިޤު އިބްރާހީމް ކޮޕް23ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ޚުލާސާ

16 ނޮވެމްބަރ 2017

މިނިސްޓަރ ޠާރިޤް އިބްރާހީމް މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ 23 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 23) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅު:

14 ނޮވެމްބަރ 2017

މިނިސްޓަރ ގެ މި ދަތުރުފުޅުގައި “ކްލައިމެޓް އެންޑް ކްލީން އެއަރ ކޯލިޝަން” ގެ ހައި ލެވެލް އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަކީ ކްލައިމެޓް އެންޑް ކްލީން އެއާރ ކޯލިޝަންގައި ބައިވެރިވާ ގައުމުތަކުން މިއަހަރު ބޮން ގައި ހިނގަމުންދާ މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާ ގެ 23 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ “ޝޯޓް ލިވްޑް ކްލައިމެޓް ޕޮލިއުޓެންޓްސް” (އެސްއެލްސީޕީސް) ގެ ސަބަބުން އިންސާނުންގެ ސިއްޙަތަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެކަމަށް ސައިންސްވެރިންވެސް ހެކިދޭކަމަށެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމަށް އިސްކަންދޭ މިންވަރާއި އެކަމަށް މަސައްކަތްކުރާ މިންވަރާއި އަދި އެންމެ އެކަށޭނެ ގޮތެއްގައި ކުނި މެނޭޖްކުރުމަށް ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާމެދުވެސް އެ މަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ ތެރޭގައި ރަށްތައް ބެހިފައިވާ ގޮތާއި، ހުރިހާ ރަށްތަކުގައިވެސް އެކަށޭނެ ގޮތެއްގައި ކުނި މެނޭޖްކުރުމަށް ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

“ކްލައިމެޓް އެންޑް ކްލީން އެއާރ ކޯލިޝަން” އަކީ ސަރުކާރާއި، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި، އަމިއްލަ ވިޔަފާރި ކުރާ ކުންފުނިތަކުގެ އިތުރުން ސައިންޓިފިކް ކުންފުނިތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ވައިގެ ކޮލިޓީ ރަނގަޅު ކުރުމަށާއި ޖައްވަށް ދޫކުރާ ވިހަގޭހުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކޮށް ތިމާވެށި ރައްކާކުރުމަށް އުފައްދާފައިވާ ކޯލިޝަނެކެވެ. ދިވެހިރާއްޖޭގައި އެސްއެލްސީޕީސ އެމިޝަންސް ހުރި މިންވަރު ދެނެގަތުމަށް ވަރަށް އަވަހަށް މަސައްކަތް ފަށާނެއެވެ. މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގައި އެސްއެލްސީޕީސް ހުރި މިންވަރު ދެނެގަނެވި ކުރިމަގުގައި ޕޮލިސީތައް ހެދުމުގައި އެހީއަކަށް ވާނެއެވެ.


14 ނޮވެމްބަރ 2017

މި ދަތުރުފުޅުގައި ކެނެޑާ ސަރުކާރުގެ ދައުވަތަކަށް ކަނޑާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބޭއްވި ހަފްލާއެއްގައި އެ މަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންތައްތަކުގެ ސަބަބުން ހީނުކުރާ ވަރުގެވެސް ބޮޑެތ މޫސުމީ ކާރިސާތަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ރަށްތަކުގެ މުރަކަ ހުދުވުވުމާއި “އޯޝަން އެސިޑިފިކޭޝަން” ފަދަ ކަންތައްތައް ކުރިމަތުވަމުން އަންނަ ކަމަށެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޕެރިސް އެގްރީމަންޓް އަށް އަމަލުކުރަން ފެށުމަށް ބައިނަލްއަޤުވާމީ މުޖަތަމައު އަށް ގޮވާލައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ކުދި ޖަޒީރާ ޤައުމުތަކުން ކުރަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ކުދި ޖަޒީރާ އަދި ބިންތިރި ޤައުމުތަކަށް ހާއްސަ އިނިޝިއޭޓިވް ފޯރ ރިނިއުއަބަލް އައިލެންޑް އެނާޖީ (އައިރީ) އާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ދިވެހިރާއްޖޭގައި އޮކްޓޫބަރު މަހު ވަނީ އައިރީ ގެ ވަޒީރުންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ އެލާޔަންސް އޮފް ޤައުމުތަކުގެ މެދުގައި ގުޅުން އިތުރަށް ހަރުދަނާ ކޮށް އިއާދަ ކުރެނިވި ހަކަތާއިގެ ދާއިރާއިން މި ޤައުމުތަކަށް ބޭނުންވާ މާލީ، ފަންނީ އަދި މީހުން ބިނާކުރުމުގެ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށް އެހީތެރިކަން ހޯދުމެވެ.


15 ނޮވެމްބަރ 2017

ޔޫއެންއެފްސީސީސީ ކޮޕްގެ މިއަހަރުގެ ރިޔާސަތުގެ (ފީޖީ) ފަރާތުން އިންތިޒާމް ކުރެވުނު ‘ޕޮލިސީ ކޯހެރެންސް އެންޑް ޖޮއިންޓް ޑެލިވަރީ : ޔޫނ ސިސްޓަމްސް ސަޕޯޓް ޓު ލޯ އެމިޝަން އެންޑް ކްލައިމެޓް ރިސިލިއެންޓް ޑވެލޮޕްމަންޓް އެޓް ދަ ނޭޝަނަލް ލެވެލް” ޕެނަލް މަޝްވަރާ ތަކުގައި މިނިސްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ ޕެނަލިސްޓެއްގެ ހައިސިއްޔަތުން މޫސުމަށް އަންނަ ބަދަލުތަކަށާއި ޤުދުރަތީ ކާރިސާތަކަށް ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ކަމަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ “ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓެޖީސް” ގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ މަސައްކަތްތަކަށް ފައިދާތަކެއް ލިބޭނެކަމަށެވެ. ނަމަވެސް ތަރައްގީގެ މަޝްރޫއުތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަޝްރޫއުތައް އެއްފަދަ ކުރުމަކީ ގޯހެއްކަމަށާއި އެކަމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމާއި ސަލާމަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް ހާއްސަކޮށް އެޑެޕްޓޭޝަންގެ ކަންތައްތަކަށް ބޭނުންވާ ފައިސާ ޔަގީން ކުރުމަށް ހުރިހާ ޤައުމުތައް އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

މި ބައްދަލުވުމުގައި ފިޖީގެ ފަރާތުން މި ކޮޕްގެ ރިޔާސަތާއި ހަވާލުވެހުރި އެ ޤައުމުގެ ބޮޑު ވަޒީރު، މިސްޓަރ ފްރޭންކް ބައިނިމަރަމާ ގެ އިތުރުން އަދ. ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ އެންޓޯނިއޯ ގުޓޭރެސް، ޔޫއެންޑީޕީ ގެ އެޑްމިނިސްޓްރޭޓަރ މިސްޓަރ އާޚިމް ސްޓައިނަރ، ޔޫއެން އެންވަޔަރަމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ މިސްޓަރ އެރިކް ސޮލްހެއިމް، ޔޫއެން އެފްސީސީސީގެ އެގްޒެކެޓިވް ސެކްރެޓަރީ މިސް ޕެޓްރިޝިއާ އެސްޕިނޯސާ އަދި ސެއިންޓް ލޫޝިއާގެ އެޑިއުކޭޝަން، އިނޮވޭޝަން ޖެންޑަރ ރިލޭޝަންސް އަދި ސަސްޓެއިންބަލް ޑިވެލޮޕްމަންޓްގެ މިނިސްޓަރ ޑޮކްޓަރ ގޭލް ރިގޮބާރޓް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


16 ނޮވެމްބަރ 2017

މިނިސްޓަރ ޠާރިޤް އިބްރާހީމް މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ 23 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 23) އިސްވެރިންގެ ބައްދަލުވުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޖަމިއްޔާ، އެއޯސިސްގެ ޗެއަރގެ ހައިސިއްޔަތުން މި ޤައުމުތަކުގެ ފަރާތުން މިއަދު ރާއްޖޭގަޑިން މެންދުރުފަހުގެ ވަގުތެއްގައި ތަޤުރީރު ކުރައްވާނެއެވެ.