ޚަބަރު

ށ އަދި ނ އަތޮޅުގެ ރަށްތަކުގައި އަލިން ހަކަތަ އުފައްދާ ނިޒާމު ހަރުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

6 ޑިސެމްބަރ 2017

ށ އަދި ނ އަތޮޅުގެ ރަށްތަކުގައި އަލިން ހަކަތަ އުފައްދާ ނިޒާމު ހަރުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ސިނޮމެކް އިންޓަރނޭޝަނަލް ސަންގްރޯ ޖޮއިންޓް ވެންޗަރ ކުންފުންޏާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ސިނޮމެކް އިންޓަރނޭޝަނަލް ސަންގްރޯ ޖޮއިންޓް ވެންޗަރ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ޒިޔާއޯ ޒިއަން ޑޮން އެވެ.
މިއަދު މި ސޮއިކުރެވުނު ޕްރޮޖެކްޓުގެ ދަށުން މި ރަށްރަށުގައި 2.86 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި، ޑީސަލުން ކަރަންޓު އުފެއްދުމަށް 29 ޖެނެރޭޓަރު (4.86 މެގަ ވޮޓް) އާއި، 2.86 މެގަވޮޓް އަވަރ ގެ ބެޓެރިއާއި، 10 ކިލޯމީޓަރުގެ ކޭބަލާއި، 24 އޮޓަމެޓިކް ސިންކްރޮނައިޒިން ޕެނަލްބޯޑް އަދި 62 ޑިސްޓްރިބިއުޝަން ފޮށި ފޯރުކޮށްދެވޭނެއެވެ. އަދި މިސިސްޓަމް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައް ވެސް މިރަށްރަށުގައި ޤާއިމުކުރެވިގެންދާނެއެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 12.1 މިލިއަން ޑޮލަރެވެ.